ޝާހިދު ކަޕޫރް "ކަބީރު ސިންގް" ގެ ރޯލު ކުޅޭ ފިލްމުގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމަކީ 2017 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ފެންނާނީ މިހާރު ވިދަމުން އަންނަ އުންމީދީ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އެވެ.
"ކަބީރު ސިންގް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސުރޭޝް އޮބެރޯއީ، ނިކިތާ ދައްތާ އަދި ސުވަތީ ސޭތު ހިމެނެ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ތެލެގޫ ވާޝަން ވެސް ލިޔެ ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ.
"ކަބީރު ސިންގް" ގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 21 ގަ އެވެ.
މިއީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އަށް ފަހު ޝާހިދު ފެނިގެންދާ ފުރަތަމަ ފިލްމެވެ.
"ގުޑް ނިއުސް" ގެ ޝޫޓިން ނިންމާލައިފި
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުންނަ ރާޖް މެހެތާގެ އަލަތު ފިލްމު "ގުޑް ނިއުސް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރު، ކަރީނާ ކަޕޫރް، ދިލްޖީތު ދޮސަންޖް އަދި ކިއާރާ އަދުވާނީ އެވެ. އެ މީހުން ވަނީ ޝޫޓިން ނިންމައިލި ވާހަކަ ހިއްސާ ކުރަން ތަންކޮޅެއް މަޖާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ގުޑް ނިއުސް" އަކީ ދަރިއަކު ހޯދަން މަސައްކަތް ކުރާ ދެމަފިއަރަކަށް ވަރަށް ދުވަސް ފަހުން އައިވީއެފް މެދުވެރިކޮށް ދަރިއަކު ލިބެން އުޅޭކަން އެނގުމުން ދިމާވާ ކަންތައްތަކެއް ފެނިގެން ދާނެ ފިލްމެކެވެ.
މި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ކަރީނާގެ ދަރިފުޅު ތައިމޫރު އަލީ ހާން ވެސް ފެންނާނެ ކަމަށްވެ އެވެ.
"ގުޑް ނިއުސް" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 6 ގަ އެވެ.
ވިލް ސުމިތު ހިންދީ ލަވައަކަށް ނަށަނީ
އަންނަ މަހު ކަރަން ޖޯހަރުގެ ދަރުމާ އިން ގެނެސްދޭ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލުމަކުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ފެންނާނެ ވާހަކައަކީ މިހާރު އާ ވާހަކައަކަށް ނުވެދާނެ އެވެ.
އެ ފިލްމުގެ ލީޑް ތިން ތަރިންނާ އެކު ލަވައަކުން އޭނާ ފެނިގެން ދާނެ އެވެ. އެކަމަކު އޭގެ ކުރިން ކަރަން އޮތީ އެ ލަވައިގެ މި ސެޓުން ސުމިތު ނަށާފައިވާ އެހެން ލަވައެއްގެ ތަންކޮޅެއް ހިއްސާކޮށްފަ އެވެ. މި ލަވައަކީ 2012 ގައި ރިލީޒް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" ގައި ހިމެނޭ ލަވަ "ރާދާ" އެވެ.
ބޮލީވުޑްގެ ފިލްމެއްގައި ހިއްސާވުމަކީ ސުމިތުގެ ބަކެޓްލިސްޓްގައި ހިމެނޭ ކަމަކަށްވާ އިރު، މި ފަހަރު މިކަން ހަގީގަތަކަށް ވެގެން ދާނެ އެވެ.
ކަރަން ޓްވިޓާގައި ޕޯސްޓް ކުރި ވީޑިއޯ އިން ފެންނާނީ "ރާދާ" އަށް ސުމިތު އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާއާ އެކު ސްޓޭޖެއްގެ މަތީގައި ނަށާ ތަނެވެ. އަދި ލަވަ ނިމެން އުޅެނިކޮށް ދުވަމުން ގޮސް ޓައިގާ ޝްރޮފް ވެސް ސްޓޭޖަށް އަރާ ތަން ފެނެ އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 2" ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ.
"ބޫޖް" އަށް އިތުރު ބަތަލާއެއް
އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަށް އިތުރު ބަތަލާއަކު ސޮއިކޮށްފި އެވެ.
މި ފަހަރު ފިލްމަށް ސޮއިކޮށްފައި ވަނީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޕްރަނީތާ ސުބާޝް އެވެ. "ބޫޖް" ވެގެން ދާނީ އޭނާ ބޮލީވުޑަށް ނުކުންނަ ފިލްމަށެވެ. މި ފިލްމަށް ކުރިން ސޮއިކޮށްފައިވާ ބަތަލާއިންނަކީ ޕަރިނީތީ ޗޯޕްޅާ އާއި ސޮނާކްޝީ ސިންހާ އެވެ.
ފިލްމުގެ އިތުރު ކާސްޓުންނަކީ ސަންޖޭ ދަތު، ރާނާ ދަގޫބަތީ އަދި އައްމީ ވާކެވެ.
އަބީޝެކް ދުދައްޔާ ޑައިރެކްޓް ކުރާ "ބޫޖް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 14، 2020 ގަ އެވެ.