އާ މަޖިލީހުގެ މެންބަރުން ހުވާކުރުން އަންނަ މަހު ފަހުކޮޅު

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ފަހުކޮޅު ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.


މަޖިލީހުގެ އިދާރާއިން ބުނީ އިންތިޚާބު ކާމިޔާބު ކުރެއްވި މެމްބަރުން ހުވާ ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 60 އަށް ވުރެ ގިނަ ގޮނޑި ލިބެ އެވެ. ޖުމްހޫރީ ޕާޓީ އަށް ހަތް ގޮނޑި ލިބުނު އިރު، އިދިކޮޅު ޕީޕީއެމް އަށް ހަތަރު ގޮނޑި، ކޮންގްރެސް ޕާޓީ އަށް އެއް ގޮނޑި ލިބެ އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބޭ އިރު، މިނިވަން ކެންޑިޑޭޓުންނަށް ލިބެނީ ހަ ގޮނޑި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އަދި 2014 ގައި ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންގެ ދައުރު ވެސް ހަމަވީ އެވެ. ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާ އެކު ޖޫން މަހުގެ ކުރީކޮޅެވެ.

މިހާރު ހިނގަމުން އަންނަ މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންނަށް އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ހިމެނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލެއްވި، ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ވަނީ ގޮނޑި ގެއްލިފަ އެވެ.

ކުރިން މަޖިލިހުގެ މެމްބަރުކަން ކުރެއްވި ބައެއް މެމްބަރުން މިފަހަރު ކާމިޔާބު ހޯއްދަވައި މަޖިލީހުން ވަނީ ޖާގަ ހޯއްދަވައިފަ އެވެ. އެއީ، ކިނބިދޫ ދާއިރާ އަށް އަހުމަދު ނާޝިޒު، ބާރަށު ދާއިރާ އަށް އަހުމަދު އަބްދުﷲ އަދި މާފަންނު މެދު ދާއިރާ އަށް އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ.

އެމްޑީޕީ އަށް ލިބުނު އެން ބޮޑު އެއް ކާމިޔާބީއަކީ އެންމެ އާބާދީ ބޮޑު ތިން ސިޓީ ކަމަށްވާ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގެ 25 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ނެގުމެވެ. ތިން ސިޓީގެ ތެރެއިން ކުޑަ ތަފާތަކުން އެމްޑީޕީ އަށް ގެއްލުނީ ވިލިމާލެ ދާއިރާގެ ގޮނޑި އެކަންޏެވެ. އަދި ކުރިން ޕީޕީއެމަށް ތާއީދު ބޮޑު އަތޮޅުތަކުގެ މެޖޯރިޓީ ވެސް ނެގީ އެމްޑީޕީންނެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނީ މިރެ އެވެ.