މިދިޔަ މަހު 271 މީހަކަށް ޗިކުންގުންޔާ ޖެހުނު: އެޗްޕީއޭ

މިދިޔަ މަހު 271 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް މަދުކުރުމަށާއި އެކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރަން އެޗްޕީއޭ އިން މި މަހު ފެށި ކެމްޕެއިނުގެ ދަށުން ޑެންގީ އަދި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ހަފުތާއަކު އެއް ފަހަރު ދަނީ އާއްމު ކުރަމުންނެވެ.

މި އަހަރު މިހާތަނަށް ޗިކުންގުންޔާ ޖެހުނު މީހުންގެ އަދަދު -- މައުލޫމާތު: އެޗްޕީއޭ

މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ އެންމެ ގިނައިން ފެނިފައި ވަނީ މިދިޔަ މަހެވެ. ޖެނުއަރީ މަހު 74 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު ފެބްރުއަރީ މަހު 179 މީހަކަށް ބަލިޖެހިފައިވެ އެވެ. ޗިކުންގުންޔާ އެންމެ ގިނައިން ފެނިފައި ވަނީ ގއ. އަތޮޅުންނެވެ. އަދި މި މަހުގެ މިހާތަނަށް 49 މީހަކަށް ޗިކުންގުންޔާ ޖެހިފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މި މަހުގެ މިހާތަނަށް 88 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އަދި މި އަހަރު ޖުމްލަ 1،493 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ޓްވީޓް

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް މަދު ކުރަން މިދިޔަ މަހު ވެސް އެޗްޕީއޭ އިން ހަރަކާތްތަކެއް ހިންގި އެވެ. އެމްއެންޑީއެފް އާއި މާލޭ ސިޓީ ކައުންސިލުގެ އެހީގައި ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓްކޮށް، ފެން ހަރުލާފައި ހުންނަ ތަންތަން ވަނީ ސާފުކޮށްފަ އެވެ.

މީގެ އިތުރުން އެޗްޕީއޭ އިން އަންނަނީ މަދިރި އަދި ޑެންގީ ފަދަ ބަލިތަކާ މެދު އާންމުން ހޭލުންތެރިކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެޗްޕީއޭގެ ޕްރޮގްރާމް މެނޭޖަރު ސަނާ ސަލީމް މިއަދު ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރު ވަނީ މެއި، ޖޫން އަދި ޖުލައި މަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންފްލުއެންޒާ ރޯގާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ، އިންފްލުއެންޒާ ވެކްސިން ޖަހަން ވެސް އެޗްޕީއޭ އިން މިދިޔަ ހަފްތާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.