އެމްއާރުއެމްގެ ކެންޑިޑޭޓުން ބަލިވީ ނޭދެވޭ ނުފޫޒާ ހެދި: މައުމޫން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނޭދެވޭ ނުފޫޒާ ހެދި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.


އާންމު އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި މައުމޫންގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއް ގައި އެމަނިކުފާނު ވިދާޅުވީ، އެ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ނޫން ކަމަށެވެ.

އިންތިޚާބުގައި މައުމޫނަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އޭގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ވިލިނގިލި ދާއިރާގެ މިހާރުގެ ވެސް މެމްބަރު ސައުދު ހުސައިނާއި ނިލަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ނައިބުކަން ކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެކަންޏެވެ.

މައުމޫންގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުންނަކީ ގާބިލް، ތަޖުރިބާ އާއި މައުލޫމާތު ހުރި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅުންތަކެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ ބޭފުޅުންނަކީ ޝައްކެތް ނެތް ގޮތުގައި މަޖިލިހުގައި ވަރަށް ރަނގަޅަށް ހިދުމަތް ކުރެއްވޭނެ ބޭފުޅުން. އެބޭފުޅުން ނެތުމުން މަޖިލިހުގައި އެ އުނިކަން ފެންނާނެ ކަން ޔަގީން،" މައުމޫން ވިދާޅުވި އެވެ.

ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ މައުމޫން ވިދާޅުވި ގޮތުގައި، އެ ބޭފުޅުން ކުރެއްވި މަސައްކަތާ އެއްވަރަށް ކާމިޔާބު ލިބުމުގެ ފުރުސަތު ހަނިވީ އެކިއެކި ނުފޫޒު ފޯރުމުންނެވެ. އެކަމަކު، މައުމޫންގެ ވާހަކަފުޅުގައި އެ ކެންޑިޑޭޓުންނަށް ގޮންޖެހުމަކަށް ވި ނޭދެވޭ ނުފޫޒެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މި އިންތިޚާބުގައި 86 ދާއިރާ އަށް ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު، އެ ބޭފުޅުން ހޮވުމަށްޓަކައި ސަރުކާރުން ބޮޑެތި ނުފޫޒުތައް ފޯރުވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އޭގެ ތެރޭގައި އިންތިޚާބާ ދިމާކޮށް، އެކި ރަށްރަށުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އިއުލާން ކުރުމާއި ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުއްޓުން އަންނާނެ ކަމަށް ވެސް ސަރުކާރުގެ އެކި އިސްވެރިން އައީ ވިދާޅުވަމުންނެވެ.

މި އިންތިޚާބުގައި އެމްޑީޕީން އެކަނި ވަނީ 65 ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. މިއީ އެއް ސިޔާސީ ޕާޓީ އަކަށް މަޖިލިހުގެ މިހާ ގިނަ ދާއިރާތަކެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ވަރަށް ގިނަ ފަރާތްތަކެއްގެ ނޭދެވޭ ނުފޫޒު ވަދެގެން ދިޔައީ. އޭގެއިތުރުން އަޅުގަނޑުމެންގެ ޕާޓީއެއް ނެތް ކަން. އެމްއާރުއެމް އަދި ޕާޓީއަކަށް ނުވޭ،" --- މައުމޫން

މައުމޫން މިރޭ ވިދާޅުވި ގޮތުގައި، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، އެމްއާރުއެމް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު އެވެ. އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި އެމްއާރުއެމުން ތާއީދު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ ނަޒާހަތްތެރި އިންތިޚާބެއް ބާއްވައިގެން ކަމަށެވެ. އެއާ ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބާއްވާ އިންތިޚާބެއްގެ ނަތީޖާ އަކީ ތެދު ނަތީޖާ އަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލިހުގެ އިންތިޚާބުގައި މައުމޫންގެ ތާއީދާ އެކު ވާދަކުރާ ކެންޑިޑޭޓުންނާ ލިޔުން ހަވާލު ކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މައުމޫން، މަޖިލިހުގެ ކުރީގެ ނައިބު ރައީސް ނާޒިމްއާ ލިޔުން ހަވާލު ކުރައްވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބުގެ ކަންކަން ފުރިހަމަކަމާ އެކު ކުރިއަށް ދާނެ ގޮތެއް އިންތިޒާމު ކުރަން ޖެހޭއިރު، މާހައުލު ވާން ޖެހޭނީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭ މާހައުލަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެނެއް ނޫން ވެގެން ދިޔައީ. ވަރަށް ގިނަ ފަރާތްތަކެއްގެ ނޭދެވޭ ނުފޫޒު ވަދެގެން ދިޔައީ. އޭގެ އިތުރުން އަޅުގަނޑުމެންގެ ޕާޓީއެއް ނެތް ކަން. އެމްއާރުއެމް އަދި ޕާޓީ އަކަށް ނުވޭ،" މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕް އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނީ ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ހައްގުވެރިންނަށް ޕާޓީ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ވީހާ ވެސް އަވަހަކަށް ފުއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ވީހާވެސް އަވަހަށް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ކުރިއަށް ދެވެން އޮތީ ޕާޓީއެއް އުފައްދައިގެންނެވެ.

"އެއީ ސިޔާސީ މައިދާނުގައި ވަކި ކަމެއް ވީމަ، އެއީ މަސައްކަތް ހުއްޓާލަން ޖެހޭ ކަމެއް ނޫން. ހަނދާން ނައްތާލާފައި، ފިލާވަޅު ލިބިގެންފައި ކުރިއަށް ދާންވީ އަޒުމާއި ހިތްވަރާއެކީގައި. އަޅުގަނޑުމެންގެ ހިތްވަރަކީ އެލެންވީ އެއްޗެއް ނޫން،" ބަލިވި ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވައި މައުމޫން ވިދާޅުވީ އެވެ.