ރައީސްގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަންޏެއް ނޫން: މައުމޫން

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަނި ނޫން ކަމަށާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވެސް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި މައުމޫން ވިދާޅުވީ، އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަނި ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.

"އެމަނިކުފާނު [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް] ކުރައްވާ ހުރިހާ ކަމަކުން ވެސް އެކަން އެނގޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އެގޮތަށް ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަކީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކުގައި ރޭ ވަނީ ވިދާޅުވެފަ އެވެ. އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވާދަކުރައްވާ ބައެއް ބޭފުޅުން އެއީ ސަރުކާރު ކެންޑިޑޭޓުން ކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވާތީ އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

"ސަރުކާރުގެ އެންމެ އިސް ބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވީމަ، އެބޭފުޅުން ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިޒްނަފުޅާއި އިރުޝާދާ އެކީގައި،" --- މައުމޫން

"[އެމްޑީޕީގެ ކެންޑިޑޭޓުން] ނޫން ބަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ވެސް ތާއީދެއް ނުކުރައްވާނެ. އަޅުގަނޑެއް ވެސް ތާއީދެއް ނުކުރާނެ. ތީގެން އެއްވެސް ބޭފުޅަކު ތާއީދެއް ނުކުރާނެ. ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން ވެސް ތާއީދެއް ނުކުރާނެ،" ނަޝީދު ރޭ ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި، އެކަމަކު، ނަޝީދުގެ ނަން ނުގެންނަވައި މައުމޫން މިރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެން ކުރި މަސައްކަތުން ހޮވިވަޑައިގެންނެވި ރައީސެއް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ނުވަތަ ވަކި ޕާޓީއެއްގެ ރައީސެއް ނޫން ކަމަށެވެ.

"އެމަނިކުފާނަކީ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް] އަޅުގަނޑުމެން ކޯލިޝަންގެ ރައީސް،" މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި (މ) ކުރީގެ ރައީސް މައުމޫން އަދި މައުމޫންގެ ދަރިކަލުން ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ވިދާޅުވި ގޮތުގައި، މަޖިލިހަށް ބޭނުން ވަނީ ސަރުކާރު ދަމަހައްޓައި، އިހްލާސްތެރިވާނެ މެމްބަރުންތަކެކެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އެހީތެރިވާނެ ބަޔަކު، މަޖިލިހަށް އިންތިޚާބު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، މަޖިލިހަށް އިންތިޚާބު ކުރާ ބޭފުޅުން ވާން ޖެހޭނީ ގައުމަށް ވަފާތެރި ބަޔަކަށް ކަމަށާއި އެބޭފުޅުން ސަމާލުކަން ދެއްވަން ޖެހޭނީ ގައުމުގެ މަސްލަހަތަށް ކަމަށް މައުމޫން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހަކީ ގައުމުގެ މަސްލަހަތު ރައްކާތެރިކޮށް، ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަށް އޮތް ތަނެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ކޯލިޝަންގެ މެމްބަރުންނަށް ތާއީދުކޮށްދެއްވައި އެބޭފުޅުން ހޮވައި ދެއްވުމަށް. ކޯލިޝަންގެ މަގްސަދުތަކާއި އުސޫލުތައް ދަމަހައްޓާނެ ބޭފުޅަކަށް ވެއްޖެ ނަމަ، ވޯޓު ދެއްވަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

މިރޭ ބޭއްވި ފާރިސްގެ ކެމްޕެއިން ޖަލްސާގައި އޭނާގެ ދެ ދައްތަ ޔުމްނާ (ކ) އަދި ދުންޔާ (ވ) ފާރިސްއާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވާ ފާރިސް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މައުމޫން ވިދާޅުވީ، ސަރުކާރުން ފާރިސް އަށް ތާއީދު ކުރާކަން އެނގިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޖަލްސާ އަށް ވަޑައިގެންނެވި ބައެއް ވަޒީރުންނަށެވެ. އަދި ޖަލްސާ އަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފާރިސް އަށް ތާއީދު އޮތް ކަން ހާމަކުރައްވައިފަ އެވެ.

އިސްކަންދަރު ސްކޫލް ގައި ބޭއްވި ޖަލްސާގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ވަޒީރު ކަމަށް ވަޑައިގެންނެވި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ނިސްބަތްވާ ބައެއް ވަޒީރުން ތިއްބެވި އެވެ.

"ސަރުކާރުގެ އެންމެ އިސް ބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވީމާ، އެބޭފުޅުން ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިޒުނަފުޅާއި އިރުޝާދާ އެކީގައި،" ފާރިސް އަަށް ސަރުކާރުގެ ތާއީދު އޮތްކަން ހާމަކުރައްވަމުން މައުމޫން ވިދާޅުވި އެވެ. ފާރިސްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާ އަށް ފަސް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ބޯދިގު) އާއި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު (އަމިއްލަ ގޮތުން) އާއި ޕީޕީއެމްގެ ކެންޑިޑޭޓު ޖަމީލާ އަލީ އާއި މުހައްމަދު ޒަމީލް (އަމިއްލަ ގޮތުން) އަދި އައިމިނަތު ޝިރުނާ އެވެ.