ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް

ސަރުކާރު ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދެރަ ގޮތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވ. ކެޔޮދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ގާސިމްގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެންވެ، އެއިން އެއްވެސް ބޭފުޅަކަށް ދެރަ ގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަންގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެ އެވެ. އެކަމަކު، ވެރިކަމުގެ 100 ދުވަސް ހަމަނުވަނީސް، ކޯލިޝަންގެ އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ ޕާޓީއާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދި ކޯލިޝަންގައި "ރެނދު" ލައިފަ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް ބަދަލު ކުރަން ފެށީ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ނިންމި ހިސާބުންނެވެ. ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި އެމްޑީޕީން އެންމެ ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމަކީ އެއްބަސްވުމާ ހިލާފު ނިންމުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ކެޔޮދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދި ފަހުން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެކުގައި ކާމިޔާބު ކުރުމަށް އެއްބަސްވުމެއް ހަދައިގެން އައުމުން، އެއްބަސްވުމާ ހިލާފުވީ އެމްޑީޕީން ކަމަށެވެ. އެހެންވެ، ޖުމްހޫރީ ޕާޓީން "ނާށިގަނޑު" ހިފައިގެން ނުކުމެ، އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން ޖެހުނީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ގިނަ ކެންޑިޑޭޓުންތަކަކަށް ތާއީދު އޮތް ކަން ހާމަކޮށްފަ އެވެ. އަދި ޕީޕީއެމް/ކޮންގްރެސް ޕާޓީން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.

ކެޔޮދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް އައީ ވައުދުތަކަކާ އެކުގަ އެވެ. އެގޮތުން ރާއްޖެ ހެޔޮ ގޮތަކަށް ބަދަލު ކުރުމަށް ވެވަޑައިގެންނެވި ވައުދުތައް ހަނދާނުގައި އެބަހުރި ކަމަށާއި އެކަން ކަން ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވައުދުތައް ފުއްދަން މަޖިލިހާއި މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ވައުދުތަކަކީ ހަމައެކަނި ވީ ވައުދުތަކެއްގެ ގޮތުގައި ދޫކޮށްލައިގެން ހުރެވޭކަށް ނެތް. އެއީ އަޅުގަނޑު ފުއްދަން ޖެހޭ، ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހިތުގެ އަޑިން ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ކެޔޮދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު ވަރަށް ގޯހެވެ. އަމަން އަމާންކަން ގެއްލި ރާއްޖެ ބިރުވެރިކަމެއްގެ ތެރޭގައި އޮތް އިރު، އެ ދަތިތަކާ އެކުގައި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދީ ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަތި އުނދަގުލާ އެކީގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ވައުދުތައް ފުއްދުމަށް މަސައްކަތް ފަށައިގަތިން. އެގޮތުން ފުރަތަމަ ކަމަކަށް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ އަސާސީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ފެށީ،" އެއްވެ އުޅުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން އަލުން އަނބުރާ އިއާދަކުރި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ވައުދުތަކުގެ ތެރެއިން ރައީސް ފާހަގަ ކުރެއްވީ:

- ސްޓޫޑަންޓް ލޯން އިންޓްރެސްޓް ވާނީ ކުޑަކޮށްފައި.

- ރާއްޖޭގައި ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ކިޔެވޭ ގޮތް ހަމަޖެހުން.

- އެތެރޭގެ އުދުހުންތަކުގެ އަގު ވާނީ ބޮޑު ތަނުން ކުޑަކޮށްފައި.

- މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޑީސަލްގެ ޑިއުޓީ ވަނީ ކަނޑާލާފައި.

- ދަނޑުވެރިކަމުން އެތެރެކުރާ ބާވަތްތަކުގެ ޑިއުޓީ ވަނީ ކަނޑާލާފައި.

- ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ވަނީ ފެށިފައި.

- ވިހެއުމާ ގުޅިގެން އަންހެނުންނަށް ހަ މަސް، ފިރިމީހާ އަށް އެއް މަސް ޗުއްޓީ ލިބޭނެ.

ރައީސް ވިދާޅުވީ އެސްއެމްއީ ބޭންކް ހުޅުވައި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ދޫކުރަން އަންނަ ހަފްތާގައި ފެށޭނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ގާނޫނުތަކަށް ބަދަލު ގެނައުމަށްޓަކައި އެކަންކަމަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލިހުގައި ތިއްބަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގެ އިންތިހާބަށް އެމްޑީޕީން ތައްޔާރު ކުރި އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ތަފްސީލް ގޮތެއްގައި ވަނީ ހިމަނައިފަ އެވެ. އެހެންވެ، މަޖިލިހުގައި އެޖެންޑާ 19 ގަބޫލުކުރައްވާ ބޭފުޅުން ތިއްބަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކެޔޮދޫ އަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

- ކެޔޮދޫ ބަނދަރު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި.

- ކެޔޮދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވޭނެ.

- ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލެއް ހެދޭނެ.

- ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ.

އާބާދީ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކޮށް ފުރިހަމަ ތަރައްގީއެއް ހުރިހާ ރަށަކަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ދެރަ ގޮތެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.