ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ)ގެ ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ހަވާލުކުރި އުޅަނދުތަކުގެ ތެރޭގައި 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހިމެނެ އެވެ. އެ ތަކެތީގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަނާއީ ވިދާޅުވީ ޖަޕާނުން ހަދިޔާކުރި ތަކެތީގެ ސަބަބުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
"އަދި މި ވެހިކަލްތަކާއި ބޯޓްތަކުގެ ބޭނުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރިހަމަ އަށް ހިފައި، އަންނަން އޮތް އަހަރު ތަކުގައި ބޭނުން ކުރުމަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ޖަޕާނުން ދިން ވެހިކަލްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޖަޕާނުގެ ހަދިޔާ އިން ދައްކައިދެނީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުުޅުމުގެ ހަރުދަނާކަން ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދަމަހައްޓަން ކުރާ މަސައްކަތަށް ޖަޕާނުން ވެދޭ އެހީ އަކީ އަޅުގަނޑުމެން [ސަރުކާރުން] ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވެދޭ އެހީތެރިކަމުގެ މިސާލެއް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.