ކިނބިދު އާއި ވޭމަންޑޫ ގުޅާލުމުގެ ވައުދު ރައީސަށް ހަނދާންކޮށްދީފި

ތ. ކިނބިދު އާއި ވޭމަންޑޫ ގުޅާލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު އެމަނިކުފާނަށް މިއަދު ހަނދާންކޮށްދީފި އެވެ.


ތ. އަތޮޅު ކައުންސިލް މެމްބަރުން މިއަދު ވަނީ ރައީސްއާ ބައްދަލު ކުރައްވައި އެ އަތޮޅަށް އެންމެ ބޭނުންވާ ކަންކަން ހުށަހަޅުއްވައިފަ އެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް ކައުންސިލުން ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ރައީސާ ހިއްސާކުރެއްވި އެވެ.

ކައުންސިލްގެ ރައީސް ރިލުވާން އަބްދުﷲ "މިހާރު"އަށް ވިދާޅުވީ ކައުންސިލަރުންނާއި ރައީސް ބައްދަލު ކުރެއްވި އިރު ކިނބިދު އާއި ވޭމަންޑޫ ގުޅާލުމުގެ ވައުދާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ ވާހަކަ ރައީސަށް ދެންނެވީ ކައުންސިލަރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލުވާން ވިދާޅުވި ގޮތުގައި ދެރަށް ގުޅައިލުމުގެ ވާހަކަ ރައީސަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ނިމިގެން ދިޔަ މަޖިލީސް އިންތިޚާބުގައި އޭނާ ކުރިމަތިލައްވައި ކާމިޔާބު ކުރެއްވީ ތިމަރަފުށީ ދާއިރާ އެވެ.

ކިނބިދު އަކީ ރިޔާޒް މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާ ދާއިރާގެ މައި ރަށެވެ. ވޭމަންޑު އަކީ ރިޔާޒް އިންތިހާބުވެފައިވާ ތިމަރަފުށީ ދާއިރާގެ ރަށެކެވެ.

"ކިނބިދުއާ ވޭމަންޑޫ ގުޅައިލުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވެވަޑައިގެންނެވި ވައުދެއް. ދެން މިއަދުގެ ބައްދަލުވުމުގައި ރިޔާޒް ބައިވެރިވަޑައިގެން އެ ކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވި،" ރިލްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ރަށް ގުޅާލުމުގެ ކުރެހުންތަކުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.

ތ. އަތޮޅު ކައުންސިލުން ރައީސަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އޮމަދޫގެ ބަނދަރު ހެދުމާއި ލައިސަން ނެގުމަށް ޓެސްޓަށް ދުއްވާނެ ޓްރެކެއްގެ ބޭނުން ވާހަކަ ހިމެނެ އެވެ.

ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރެވޭނެ ގޮތްތައް ބަލައި އެކަންތައްތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.