ބިގަށާއި ސީޖީޓީ އަށް ފައިސާ ދޭން ޖެހުނު މައްސަލަ އޭސީސީން ބަލަނީ

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭގް ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ޖެހުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަން ފަށައިފި އެވެ.


އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭގެ ތެރެއިން ޕީއެސްއެމްގެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި ކަސްޓަމްސްގެ މައްސަލައިގެ ތަހުގީގު ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

"އެމްބީސީ [ޕީއެސްއެމް]ގެ މައްސަލައިގެ ތަހުގީގު ކުރިން އޮތީ ފަށާފައި. ކަސްޓަމްސްގެ މައްސަލަ އަކީ އަލަށް ހުށަހެޅުނު މައްސަލައެއް. އެ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ކޮމިޝަނުން އަންނަނީ ބަލަމުން،" މުއަައްވިޒް ވިދާޅުވި އެވެ.

ކަސްޓަމްސް އިން ސީޖީޓީއަށް ފައިސާ ދައްކަން ޖެހުނު ގޮތް

ސީޖީޓީން އެތެރެކުރި ސިނގިރޭޓް ޝިޕްމަންޓެއްގެ ޑިއުޓީއަށް ދެއްކި ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާ އަކީ އަނބުރާ އެ ކުންފުންޏަށް ދޭން ޖެހޭ އެއްޗެއް ކަމަށް ސިވިލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ވަނީ އިއުތިރާފްވެފަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުން ކޯޓުގައި ބުނަމުން ދިޔައީ އެއީ އަނބުރާ ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށާއި، އެ ޝިޕްމަންޓަށް ނަގަން ޖެހޭނީ އާ ޑިއުޓީ ކަމަށެވެ.

ސިނގިރޭޓް ޑިއުޓީ ބޮޑުކުރީ މާޗް 2، 2017 އިން ފެށިގެންނެވެ. ސީޖީޓީގެ ޝިޕްމެންޓް ރާއްޖެ އައީ މާޗު 1، 2017 ގަ އެވެ. އެކަމަކު ބޮންޑެޑް ވެއާހައުސް އިން ނެރެ، ދާއިމީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކްލިއާ ކުރީ، ޑިއުޓީ ބޮޑުވާނެ ކަމަށް ކަނޑައެޅި ވަގުތަށް ވުރެ ފަހުންނެވެ.

ސީޖީޓީން ބޮޑު ޑިއުޓީގެ ގޮތުގައި ދެއްކި 22 މިލިއަަން ރުފިޔާ ހޯދަން ކޯޓަށް ދިޔަސް، ކުރީގެ ސަރުކާރުން ކޯޓުގައި ބުނަމުން އައީ އެއީ ރަނގަޅަށް ނެގި ފައިސާ ކަމަށެވެ. ސަރުކާރުގެ އެ ސްޓޭންޑް ބަދަލުވީ އާ ސަރުކާރުން، އެ މައްސަލާގައި ކޯޓަށް ދާން ފެށި ހިސާބުންނެވެ.

ކޯޓުން މިދިއަ މަހު 6 ގައި ހުކުމްކުރީ ހަ މަސް ދުވަހުގެ ތެރޭގައި ސީޖީޓީއަށް ދައްކާ ނިންމުމަށެވެ.

ޕީއެސްއެމުން ބިގަށް ފައިސާ ދައްކަން ޖެހުން

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަންގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ. އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.

އެމްއެންބީސީގެ ދަރަންޏާއި އެހެން ކަންކަމުގެ ޒިންމާ ޕީއެސްއެމުން އުފުލަ އެވެ. އެހެންކަމުން އާ ސަރުކާރާ އެކު ޕީއެސްއެމުން ނިންމި އެންމެ ބޮޑު ނިންމުމަކީ އެ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގަށް ދެއްކުމެވެ.