މަޖީދިއްޔާގެ ޓައިމް ކެޕްސޫލް ފެނިއްޖެ، އެކަމަކު އެތިއެތިކޮޅުން!

މީގެ 27 އަހަރު ކުރިން މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ފޮނި އުއްމީދަކާ އެކު ވަޅުލި ޓައިމް ކެޕްސޫލްގެ ބައިތަކާއި އޭގައި ރައްކާކުރި ބައެއް އެއްޗެހި މިއަދު ހޯދައިފި އެވެ.


އެކަމަކު ރާއްޖޭގެ އެންމެ ދުވަސް ވީ ސްކޫލަށް 100 އަހަރު ފުރުމުން ނަގާ ގޮތަށް 1992 ގައި ވަޅުލި ޓައިމް ކެޕްސޫލަށް މިފަދަ ގޮތެއް ދިމާވެދާނެ ކަމަށް، އޭރުގެ އެއްވެސް ދަރިވަރަކު ވިސްނާފައެއް ނުވެ އެވެ. އޭރުގެ ހަނދާންތަކެއްގެ ގޮތުގައި ދަރިވަރުންނާއި އޭރުގެ މެނޭޖްމަންޓްގެ މީހުން ތަފާތު އެއްޗެހި ރައްކާކުރީ 2000 ލީޓަރުގެ ބޮޑު ހަމެއްގަ އެވެ.

އޭރު އެ ސްކޫލްގައި ކިޔެވި ބައެއް ދަަރިވަރުންނާއި މުވައްޒަފުން މިއަދު މަޖީދިއްޔާއަށް ގޮސް، އެ ސަރަހައްދު ބަލަން އެދުމުން، މިހާރު ދަރުމަވަންތަ ސްކޫލްގެ ބައެއްގެ ގޮތުގައި އޮތް ތަން، ކުޑަ އެކްސްކަވޭޓަރަކުން ކޮނުނެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަޅުލި ކެޕްސޫލްގެ ތެރޭގައި ރައްކާކޮށްފައި ހުރި އެ ސްކޫލުގެ ޔުނީފޯމަކާއި ސޭޝެއް: އެއީ ސްކޫލަށް 100 އަހަރު ފުރުމުން ނަގަން ނިންމި އެއްޗެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަރުމަވަންތަ ސްކޫލަކީ ކުރީގެ މަޖީދިއްޔާ ދެ ބައިކޮށް މާ ފަހުން އުފެއްދި ސްކޫލެކެވެ. ޓައިމް ކެޕްސޫލް ވަޅުލީ އޭރު މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ފަރާތު ފާރު ކައިރީގަ އެވެ. މިހާރު އެއީ ދަރުމަވަންތަ ސްކޫލްގެ ސަރަހައްދުގަ އެވެ.

މަޖީދިއްޔާގެ ޓައިމް ކެޕްސޫލްގައި އޮތް ޒީރޯ ޑިގްރީ އެޓޯލްގެ ދޯނި އަލްބަމްގެ ކެސެޓް ޓޭޕެއް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓައިމް ކެޕްސޫލް ހޯދުމުގެ މަސައްކަތުގައި ބައިވެރިވާ މަޖީދިއްޔާގެ މުސްކުޅި ދަރިވަރެއް ކަމަށް ވާ އިސްމާއިލް އިބްރާހިމް ބުނީ އެ ސަރަހައްދު ކޮންނަން ފެށުމާ އެކު ބައެއް ދަރިވަރުން ރައްކާކުރި ސޭޝާއި ޔުނީފޯމާއި އެކި ލިޔުންތައް ވެސް ފެނުނު ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަޅުލި ކެޕްސޫލްގެ ތެރޭގައި ރައްކާކޮށްފައި ހުރި އެ ސްކޫލުގެ ކުރީގެ ފޮތެއް: މަޖީދިއްޔާ ސްކޫލަށް އަންނަ ހޮނިހިރު ދުވަހު 92 އަހަރު ފުރޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ފުރަތަމަ ފެންނަން ފެށީ ކެޕްސޫލްގައި ހުރި ބައެއް އެއްޗެހި. މިހާރު ހަމުގެ ބައިތައް ވެސް އެބަ ފެނޭ،" އިބްރާހިމް ބުންޏެވެ.

އެ ހަމަށް ވީ ކިހިނެއް؟

މަޖީދިއްޔާއަށް 65 އަހަރު ފުރުމާ ގުޅިގެން ވަޅުލި ޓައިމް ކެޕްސޫލް ނިސްބަތްވާ ބޮޑު ހަން ހަލާކުވެފައިވާ ކަން މިހާރު ޔަގީނެވެ. ރައްކާތެރިކަމާ އެކު ވަޅުލި އެވަރުގެ ހަމެއް ހަލާކުވެ، އޭގައި ހުރި އެއްޗެހި ވިއްސިވިހާލި ވީ ގޮތާ މެދު އެކި މީހުން އެކި ވާހަކަ އެބަ ދައްކަ އެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަޅުލި ކެޕްސޫލްގެ ތެރޭގައި ރައްކާކޮށްފައި ހުރި ޓްރޮފީއެއް: އެ ކެޕްސޫލްގެ ތެރޭގައި އޭރުގެ ދަރިވަރުން ހޯދި ކާމިޔާބީތަކާއި އެކި ލިިޔުންތައް ހިމެނޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބައެއް މީހުން ބުނާ ގޮތުގައި ދަރުމަންތަ ސްކޫލް އަލުން އިމާރާތްކުރަންވެގެން ބިން ސާފުކުރުމުގެ ތެރޭގައި އެ ހަން ހަލާކުވީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ. ސްކޫލް އިމާރާތްކުރުމުގެ މަޝްއޫރު ހަވާލުކޮށްފައިވާ ކުންފުނިން ދިން މައުލޫމާތުތަކެއްގެ މަައްޗަށް ބިނާކޮށް މުސްކުޅި ދަރިވަރަކު ބުނީ ބިން ސާފުކުރަން ގެންގުނު އެކްސްކަވޭޓަރެއް، ޓައިމް ކެޕްސޫލް ވަޅުލާފައި އޮތް ދިމާލަށް ގަނބައިގަތީ ކަމަށެވެ. އެ ހާދިސާގައި ހަން ހަލާކުވެ، އޭގެ ތެރޭގައި ހުރި އެއްޗެހިތައް ވިއްސިވިހާލިވީ ކަމަށް، އޭނާ ބުންޏެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަޅުލި ކެޕްސޫލްގެ ތެރޭގައި ރައްކާކޮށްފައި ހުރި އެ ސްކޫލުގެ ލޯގޯ ޖެހި ލިޔުމެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު ދަރުމަވަންތަ ސްކޫލްގެ މަސައްކަތްކުރަމުން އަންނަ ކުންފުނިން ވާހަކަ ދައްކާނެ މީހަކާ ދިމާނުވުމުން، އެ އަޑުތަކާ ބެހޭ ގޮތުން ކަށަވަރު މައުލޫމުތަކެއް "މިހާރު"އަށް ލިބޭ ގޮތެއް ނުވި އެވެ.

އެއް ބަޔަކު ބުުނާ ގޮތުގައި އޭގައި ހުރި ބައެއް ސާމާނު، އެހެން ކުނިތަކާ އެކު ތިލަފުއްޓަށް އުކާ ވެސް ލި އެވެ. އެކަމަކު މިއަދު އޭގެ ބައެއް އެއްޗިއްސާއި ހަމުގެ ބައިތައް ވެސް ފެންނާތީ، ޓައިމް ކެޕްސޫލް މުޅިން ނުގެއްލޭ ކަމުގެ ހިތްހަމަޖެހުން، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނަށް އެބަ އޮތެވެ.

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ވަޅުލި ކެޕްސޫލްގެ ތެރޭގައި ރައްކާކޮށްފައި ހުރި ބައެއް އެއްޗެހި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖީދިއްޔާ އަށް 100 އަހަރު ފުރޭނީ އެޕްރީލް 20، 2027 ގަ އެވެ. އެ ދުވަހު ނަގަން 1992 ގައި ރައްކާކުރި ބައެއް އެއްޗެހީގެ ތެރެއިން މިއަދު ވަރަށް ޝައުގުވެރި ތަކެތި ވެސް ފެނުނެވެ. އޭގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ދިވެހި ފަންނާނުންތަކެއް އުފެއްދި އެންމެ މަޝްހޫރު ލަވަ އަލްބަމް، "ދޯނީ"ގެ ލަވަ ރޯލެއް ހިމެނެ އެވެ. ޒީރޯ ޑިގްރީ އެޓޯލްގެ އެ އަލްބަމްގެ ލަވަތައް އަދިވެސް ދިވެހިންގެ މެދުގައި މަޝްހޫރެވެ.

ޓައިމް ކެޕްސޫލަށް ދިމާވި ހާދިސާއިން މިހާރު ޔަގީންވަނީ އެ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރަނގަޅު ޕްލޭނެއް މަޖީދިއްޔާގެ މެނޭޖްމަންޓްގައި ނެތް ކަމެވެ. އެހެން ނޫން ނަމަ ދަރުމަވަންތަ ސްކޫލް ބައިކުރުމާ އެކު ޓައިމް ކެޕްސޫލް ނަގައިގެން ގެންގޮސް، މަޖީދިއްޔާގެ ގޯތިތެރޭގައި ވަޅުލީސް ކަމަށް، އޭރުގެ ބައެއް ދަރިވަރުން ދެކެ އެވެ.