މަޖީިދިއްޔާ ސްކޫލްގެ އާ އިމާރާތް އަޅަން ދީފައިވާ ބިމުގައި ހުރި، ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލައިފި އެވެ.
ދަރުމަވަންތަ ސްކޫލްގެ ބިން މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ހަމަޖެއްސިކަން، މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން 2024 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެހެންވެ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިދިޔަ މަހު ފަށައި މިހާރު ވަނީ އެ މަސައްކަތް ނިންމައިފަ އެވެ. އަދި މިހާރު ވަނީ މަޖީދިއްޔާ އިމާރާތް އަޅަން އެ ބިން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފަ އެވެ.
މަޖީދިއްޔާގެ އާ އިމާރާތް އަޅާއިރު، ކުރީގެ ދަރުމަވަންތަ ސްކޫލުގެ ބިމާ ޖެހިގެން އޮތް ބިމުގައި އޮތް ޕާކިން ޒޯނުން ބައެއް ވެސް އަރަ އެވެ. އެހެންވެ އެތަން ބަންދުކޮށްފައި ވަނީ ޕާކިންޒޯނާ ވެސް އެކު އެވެ.
މަޖީދިއްޔާ ސްކޫލު ދެބައިކޮށް، ދަރުމަވަންތަ ސްކޫލުގެ ގޮތުގައި އެ ސްކޫލު ހުޅުވީ 2002 ވަނަ އަހަރު އެވެ. އެކަމަކު އެ އިމާރާތް ބާވެ ބައެއް ކްލާސް ރޫމްތަކުގެ ޝީޓްތައް ވެއްޓި ރެނދުލައި، ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ކްލާސްތަކުގައި ކިޔަވައިދިނުން 2016 ވަނަ އަހަރު ހުއްޓާލި އެވެ.
އޭރު އެ ސްކޫލުގައި ކިޔަވަމުން ދިޔަ ކުދިންނަށް ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް ހަމަޖައްސައި، ދަރުމަވަންތަ ސްކޫލު އެތަނަށް ބަދަލު ކުރި އެވެ. ހަތް އަހަރު އެ ސްކޫލުގެ ކިޔެވުން ކުރިއަށް ދިޔައީ ދަގަނޑުން ހަދާފައި ހުރި އެ އިމާރާތުގަ އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ފުރަތަމަ ނިންމީ ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް، މަޖީދިއްޔާ ސްކޫލާ އިންވެގެން އޮންނަ ބިމުގަ އެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ މަޝްރޫއު ލަސްވުމުން މިދިޔަ ސަރުކާރުން 2020 ވަނަ އަހަރު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، ވިލާ ކޮލެޖާ ޖެހިގެން އޮންނަ ބިމުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅައި، 2023 ވަނަ އަހަރު ހުޅުވި އެވެ.
ދަރުމަވަންތައިގެ އާ އިމާރާތަކީ 1،000 ދަރިވަރުންގެ ޖާގައިގެ އިމާރާތެކެވެ. މިހާރު އެ ސްކޫލުގައި 1457 ދަރިވަރުން ކިޔަވަމުންދެ އެވެ. ސާޅީސް އެއް ކުލާސްރޫމް ހިމެނޭ އެ ސްކޫލު ޑިޒައިންކޮށްފައި ވަނީ ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ.
މިހާރު އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުގައި ދަރިވަރުންގެ އަދަދު އިތުރުވެފައި ވަނީ އެ ސްކޫލާ އިންވެގެން ހުޅުވި އިއްޒުއްދީން ސްކޫލު މި ސަރުކާރުން އުވާލައި އެ ސްކޫލުގެ ދަރިވަރުން ވެސް ދަރުމަވަންތަ ސްކޫލަށް ބަދަލުކުރުމުންނެވެ.