މާލެ ޖަލު ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ތިން އަހަރު ކުރިން 2023 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ސްކޫލާ ޖެހިގެން އޮތް ޖަލު ހުސްކުރުމަށް ފަހު، އެ ތަނުގައި ހޯލު ހަދާށެވެ. ނަމަވެސް އެކި މައްސަލަތަކާ ހެދި ކިޔަވަން ފެށުނު އިރު ވެސް އޮތީ އެ ބިން ނުލިބި އެވެ.
އޭގެ ޖެހިގެން އައި އަހަރު މާލޭ ޖަލު ބަންދުކުރި ނަމަވެސް އެ ތަނުގައި ތިބި ގައިދީން ހުސްކުރީ މިދިޔަ އަހަރު އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ޖަލު ތަޅާލުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެތަން ހުސްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ އެއް ހޯލް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހޯލެއް ބިނާކުރާއިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްގީކުރެވޭނެ. މާލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލާއިރު ވެސް އެކި ކަންކަމަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްގީ ކުރާނީ،" އިސްމާއިލް ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލްގެ ކުރިމައްޗަށް ހުރި އިއްޒުއްދީން ސްކޫލް ބަންދުކޮށް، އެ ތަނުގެ ދަރިވަރުން ވެސް ދަރުމަވަންތަ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ އިރު އެއީ ޖުމުލަ 1،700 އެއްހާ ކުދިންނެވެ.
މާލޭގައި އެންމެ ފަހުން އިމާރާތްކުރި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައި ހޯލެއް ނެތުމުން ވަގުތީގޮތުން މިހާރު އެކަމަށް ބޭނުން ކުރާނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި އެ ސްކޫލް ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.