ވިލާ ކޮލެޖުން 300 އަށް ވުރެ ގިނަ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
ތިން ސެޝަނަކަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، އެ ކޮލެޖުގެ އަމިއްލަ އަދި އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާގެ (އޯޔޫއެމް) ގެ ޕްރޮގްރާމުތަކުން 309 ދަރިވަރަކު ދަސްވެނިވި އެވެ.
ހެނދުނު ބޭއްވި ފުރަތަމަ ސެޝަންގައި ދަސްވެނިވީ އޯޔޫއެމް ޕްރޮގްރާމްތައް ނިންމި 77 ދަރިވަރުންނެވެ. އޭގެ ތޭރޭގައި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް އެކައުންޓިން ވިތު އޮނާސް، ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތު އޮނާސް، ބެޗްލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތު އޮނާސް، މާސްޓާސް އޮފް އެޑިއުކޭޝަން، ބެޗްލާ އޮފް އެޑިއުކޭޝަން (މެތެމެޓިކްސް) ވިތު އޮނާސް، ބެޗްލާ އޮފް އެޑިއުކޭޝަން (ޓީޗިން އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖު) ވިތު އޮނާސް އަދި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ވިތު އޮނާސް ނިންމި ދަރިވަރުން ހިމެނެ އެވެ.
ވިލާ ކޮލެޖުން އޯޔޫއެމްގެ ކޯސްތައް ނިންމި ދަރިވަރުންގެ އަދަދު މިހާރު 1،823 އަށް އަރަ އެވެ.
މެންދުރު ފަހު ބޭއްވި ދެ ހަފުލާގައި 237 ދަރިވަރަކު ދަސްވެނިވި އެވެ. އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މިއަދު ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން 30 ޕަސެންޓަކީ އެ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުން ކިޔެވި ދަރިވަރުން ކަމަށެވެ. އަދި ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން 51 ޕަސެންޓަކީ އަންހެނުންކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ އިތުރު ގްރެޖުއޭޝަނާ އެކު، މި އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން ޑިގްރީއިން ފެށިގެން މަތީގެ ކޯސްތަކުން ޖުމްލަ 758 ދަރިވަރުން ދަސްވެނިވާނެ ކަމަށެވެ.