ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތް ދޭން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތާއި އިތުރު އިނާޔަތް ދިނުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅައިފި އެވެ.


މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

އެގޮތުން، މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންތަކެއް. --- ފޮޓޯ: މިހާރު

އާއިލާތަކަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހުށަހެޅި:

ބިލް ހުށަހެޅީ ރައްޔިތުން އިންތިޚާބުކޮށްގެން ދައުލަތަށް އެތަކެއް ޚިދުމަތް ކޮށްފައިވާ ބޭފުޅުންނަށް ކަމަށް ވާތީ ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކު އެބޭފުޅުންނަށް ދިވެހި މުޖުތަމައުގައި އުޅުއްވުމުގެ ފުރުސަތު ލިބިދިނުމަށް ކަމަށް މުސްތަފާ ހުށަހެޅުއްވި ބިލްގައިވެ އެވެ.

މެމްބަރުންނަށް ގާނޫނުން މިހާރު ލިބިދެނީ ރައްޔިތުން އިންތިޚާބު ކުރާ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ މަދު އިނާޔަތަކަށް ވާތީ، އެކަމަށް ހައްލު ހޯއްދެވުމަކީ ބިލްގެ މަގްސަދެއް ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވި ބިލްގައިވެ އެވެ.

ލަތީފް، އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. އަދި، އެ މީހުން ބައިވެރިކުރާ ނަމަ، އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓު ހަދަން ޚަރަދު ކުރަން ޖެހޭނީ އެ މެމްބަރެއް:

މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ އޮފިޝަލް ޕާސްޕޯޓެކެވެ. އެކަމަކު، މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓި ލިބިވަޑައިގަންނަވަ އެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ހެލްތު އިންޝުއަރެންސާ އެކު، ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވަނީ އޮފިޝަލް ޕާސްޕޯޓެކެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލިހުގެ ގޯތި ތެރޭގައި. --- ފޮޓޯ: މިހާރު

ލަތީފް ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުއްވީ މަޖިލިހުގައި މެމްބަރުކަން ކުރެއްވި ބޭފުޅަކަށް ލިބެން ޖެހޭ އިމްތިޔާޒުތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް، މަޖިލިހުގެ މެމްބަރުންނަކީ ނަޒާހަތްތެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ބަޔަކަށް ހެދުމަށް މަގު ފަހިކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ބިލްތަކުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިހާރު ވެސް އިނާޔަތްތަކެއް ލިބިވަޑައިގަންނަވަ އެވެ. އެގޮތުން، އެއް ދައުރު ފުރިހަމަ ކުރައްވާފައި ތިއްބެވި ބޭފުޅުން މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު ގާތްގަނޑަކަށް 25،000ރ. އެވެ.

ދެ ދައުރު ފުރިހަަމަ ކުރައްވާފައިވާ ބޭފުޅަކަށް، އެ ބޭފުޅަކު މެމްބަރަކަށް ހުންނެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ 45 ޕަސެންޓު ލިބޭނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު 38،000ރ. އެވެ.