ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދޭން އީވާ ދެކޮޅު

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތާއި އިތުރު އިނާޔަތް ދިނުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކަށް ތާއީދު ނުކުރައްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލިހުގައި ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އީވާ ކުރެއްވި ޓުވީޓެއްގައި ވަނީ އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އީވާ އެފަދަ އިޝާރާތެއް ދެއްވީ، ގިނަ އަދަދެއްގެ އާންމުން އެ ބިލާ ދެކޮޅު ހަދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކުރެއްވި ޓުވީޓު.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

އެގޮތުން، މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފަ އެވެ.

ލަތީފް، އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. އަދި، އެ މީހުން ބައިވެރިކުރާ ނަމަ، އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ.

މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.

ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ.