ގާސިމް ބަލިކޮށް ބޮޑު އަޣުލަބިއްޔަތަކުން މަޖިލިހުގެ ރައީސްކަން ނަޝީދަށް

މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ހޮވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހޮވައިފި އެވެ.


އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސަށް ނަޝީދު ހޮވިވަޑައިގެންނެވީ 18 ވަނަ މަޖިލިހުގެ ރައީސްކަން ކުރެއްވި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވާދަކުރައްވަ އެވެ. ސިޔާސީ ގޮތުން ވާދަވެރި ދެ ބޭފުޅުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި ނަޝީދަށް 67 މެމްބަރުން ވޯޓު ދެއްވި އިރު، ގާސިމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. ބާތިލްވީ އެއް ވޯޓެވެ.

މަޖިލިހުގެ ރައީސްކަމަށް ނަޝީދުގެ ނަން ހުށަހެޅުއްވީ އެ މަގާމަށް ކުރިން ޝައުގުވެރިކަން ފާޅުކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. ގާސިމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެ ނަމަށް ތާއީދު ކުރެއްވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލިހަށް ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް އިބްރާހިމް. އެމަނިކުފާނު ވަނީ 18 ވަނަ މަޖިލިހުގައި ކުޑަ ދުވަސްކޮޅަކު ރައީސް ކަން ކުރައްވާފައި.-- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ނައިބު ރައީސްކަމަށް އީވާގެ ނަން ހުށަހެޅުއްވީ ވެސް އަސްލަމެވެ. އަދި އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އާޒިމެވެ. އީވާ ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިނުލައްވަ އެވެ. އީވާ އެ ވޯޓު ކާމިޔާބު ކުރެއްވީ 76 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ނަޝީދު ހޮވިއިރު، 1999 ގައި ބޭއްވި މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ. ނަމަވެސް، މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީ އަށް ވަކާލާތު ކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވައިލި އެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށް އީވާ ވޯޓު ލައްވަނީ. މަޖިލިހުގެ ނައިބު ރައީސް ކަމަށް އީވާ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވޭ. -- ފޮޓޯ: މަޖިލިސް

އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ގަބޫލުކުރި އެވެ.

އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 2015 ވަނަ އަހަރުގެ ތެރޭގައި 13 އަހަރަށް ޖަލަށްލި އެވެ. މިދިޔަ މަހު ބޭއްވި އާންމު އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުނީ އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލް ކުރުމުންނެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ސިއްރު ވޯޓަކުން އިންތިހާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވައިލި އެވެ. ފަސް މެމްބަރުންގެ ނަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުސެއިނެވެ. އަދި ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

މަޖިލީހުގެ ރައީސަކު ހޮވުމަށް މިރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބުގެ ކަންކަން ބެލުމަށް ކަނޑައެޅި ކޮމިޓީގައި ތިއްބެވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން، އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު، ނައިފަރު ދާއިރާ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލިހަށް ހޮވިވަޑައިގެންނެވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު ހޮވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ވޯޓުގައި، މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީން ނަޝީދުގެ ނަން ކަނޑައެޅީ ރޭ ބޭއްވި އެ ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުމުގައި ކުއްލި ގޮތަކަށެވެ. ނައިބު ރައީސަކަށް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އީވާގެ ނަން ވެސް ފާސްކުރީ އެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ފަރާތުން އަސްލަމާއި އަފީފް މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް ވަރުގަދަ އަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް، ނަޝީދުގެ ނަން އައީ ހުރިހާ މެމްބަރުންގެ އެދިވަޑައިގަތުމަކަށެވެ.

މަޖިލިހުގެ މެމްބަރުން ހުވާ ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި 86 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އުމްރާއެއްގައި ހުންނެވުމުން މެމްބަރުކަމުގެ ހުވައެއް އޭނާ ނުކުރައްވަ އެވެ. މަޖިލިހުގެ އިދާރާ އިން ބުނީ އުމްރާގެ އަޅުކަމަށް ފަހު، ރިޒާ ވަޑައިގަތުމުން އޭނާ ހުވާކުރުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.