މޫސަ ވިދާޅުވަނީ އިދާރީ މޭޒު އުސްކުރުމުން ވާ ފަސޭހަ އެމްޑީޕީ އަށް މިހާރު އިހުސާސް ވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މޭޒު ފެންސެއް ޖަހައި އުސް ކުރުމުން ލިބޭ ފަސޭހަ، މިހާރުގެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅުންނަށް އިހުސާސް ކުރެއްވޭނެ ކަމަށް މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރެއްވި ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.


މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިހުގެ ރައީސް އިންނަވާ މޭޒުކޮޅަށް މެމްބަރުންނަށް އަރައިނުގަނެވޭނެ ގޮތަށް ފެންސު ޖަހައި މޭޒު އުސްކުރުމުގެ ފަސޭހަކަން މިހާރު އިހްސާސް ކުރެއްވޭނެ ކަމަށެވެ.

މޫސަ އެގޮތަށް ވިދާޅުވި އިރު، މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތުގެ ދަށުގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އޭރުގެ އިދިކޮޅު މެމްބަރުން [މިހާރުގެ ސަރުކާރުގެ މެމްބަރުން] ހުރަސް އަޅުއްވާ ކަމަށް ބުނެ، މަސީހްގެ އެންގެވުމަށް އިދާރީ މޭޒު އުސް ކުރައްވަން ނިންމެވީ މޫސަ އެވެ. އޭރު މަޖިލިސް ކުރިއަށް ގެންދަން އިދިކޮޅު މެމްބަރުން ހުރަސްއެޅީ މަސީހް ޖަލްސާތައް ބޭއްވީ ގަވައިދާ ޚިލާފަށް ކަމަށް ވިދާޅުވެ އެވެ.

މަޖިލިހުގެ ކުރީގެ ނައިބު ރައީސް މޫސަ ކުރެއްވި ޓުވީޓު.

މަސީހާ ކައިރި ނުވެވޭ ގޮތަށް ރިޔާސަތު މޭޒު ގާތްގަނޑަކަށް ފަސް ފޫޓަށް އުސްކޮށް، މެމްބަރުންނަށް ކައިރިނުވެވޭގޮތަށް ލަކުޑިން ބޮޑު ފާރެއް ވަނީ ހަދައިފަ އެވެ. މި އުސް ފާރާ ގުޅިގެން އޭރުގެ އިދިކޮޅު މެމްބަރުން ވަނީ މަސީހަށާއި މޫސަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެކަމަކު، ސަރުކާރު ހިންގި ޕީޕީއެމުން އޭރު ސިފަ ކުރީ ޖަލްސާތައް ކުރިއަށް ގެންދަން ހެދި މޮޅު އުކުޅެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ ރިޔާސަތުގެ އާ ޑިޒައިން ހެއްދެވި މޫސަ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ފާރު ހަދަން ޖެހުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ހިންގުމުގެ ބޭނުމުގަ އެވެ. އަދި އެކަމުގެ ފަސޭހަކަން ރިޔާސަތުގައި ތިއްބެވި ބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ދެ ފަރާތުގައި އެ ހުންނަނީ ދެ ދޮރުން ވަދެވޭ ގޮތަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިދާރީ މޭޒު ތިރި ކުރަން [މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު] ބޭނުން ނުވީ މިހާރު ހުރި ގޮތް ފަސޭހަވީމާ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި މިހާރު ހިނގާ 19 ވަނަ މަޖިލިހުގެ ގިނަ މެމްބަރުން އިދާރީ މޭޒު "ހަމަ ބިމަށް" ތިރިކޮށް، ހަމައެކަނި މޭޒު ބަހައްޓައިގެން ޖަލްސާތައް ބާއްވަން އޭރު ބޭނުންވި އެވެ. އެކަމަކު، އެންމެ ފަހުން އެ މެމްބަރުންނަށް ވެސް އެއީ ފުރިހަމަ ތަނެއްކަން މިހާރު ގަބޫލު ކުރެއްވިފައިވާ ކަމަށް ވިދާޅުވި އެވެ.

އާ މަޖިލިހުގެ ރިޔާސަތު މިހާރު އާންމުކޮށް ބަލަހައްޓަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު އަލަށް ވަނީ ރިޔާސަތަށް ވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ނަމަ، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅަކު ވަނީ ކަނޑައަޅައިފަ އެވެ. އެ ފަސް ބޭފުޅުންނަކީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.