އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސ. ހިތަދޫ ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.


ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނިގޮތުގައި 35 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާގެ މޭގެ ކަނާތްފަރާތަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުނިކޮށްޓާ ދިމާލުން ސައިކަލަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ވެގެން މިއަދު 2:00 ޖަހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން މީހާ އެވެ.

އެކްސިޑެންޓުގައި މަރުވެފައި ވަނީ ހިތަދޫގައި ހުންނަ ވެމްކޯ އޮފީހުގެ އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މީހެކެވެ.