އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ

ސ. ފޭދޫ ބަނދަރާ ދިމާލުން ލިންކް ރޯޑުގައި ރޭ އިރާކޮޅު ބައިސިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.


ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނު 78، މަރުވީ އޭނާގެ އެތެރެހައްޓަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް ރޭ ދަންވަރު 12 ޖަހާކަން ހާއިރު ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ މީހާ ބުނީ، އެކްސިޑެންޓުގައި އަބްދުﷲ މަނިކުފާނުގެ މޭ ކަށިގަނޑެއްގެ އިތުރުން އުކުޅުވަޅުގެ ކަށިގަނޑެއް ވެސް ބިދިފައިވާ ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ވާހަކަ ވެސް ދެއްކި. ނަމަވެސް މޭ ކަށިގަނޑު ބިނދިފައި ހުރުމުން ފަހުން ނޭވާލާން އުނދަގޫވެގެން އޮކްސިޖަން ވެސް ގުޅި. މަޑުމަޑުން ހާލު ދެރަވަމުން ގޮސް މަރުވީ،" އޭނާ ބުންޏެވެ.