ޔާމީންއާ ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބު، ޒަމީރު އަދި އޭސީސީގެ ރައީސް ދައުލަތުން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ދައުލަތުން ހުށަހަޅައިފި އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އަދި ފަހުން އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރުމަށް ފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.

ކުރީގެ ރައީސް ޔާމީން (ކ) އާއި ކުރީގެ ނައިބް ރައީސް އަދީބު. --ފައިލް ފޮޓޯ

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންއާ ދެކޮޅަށް ދައުލަތުން އަށް ހެކިވެރިއަކާއި ބައެއް ލިޔުންތައް ހުށަހެޅި އެވެ. އެގޮތުން އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުށަހެޅި އެވެ. އަދި ބީއެމްއެލްގެ ބޯޑު މެމްބަރެއް ކަމަށްވާ މުހައްމަދު ލުވައިޒާއި އެ ބޯޑުގެ މެމްބަރެއް ކަމަށް އިސްމާއިލް ޝަރީފްގެ އިތުރުން އިތުރު މީހެއް ވެސް ދައުލަތުން ހުށަހެޅި އެވެ.

ދައުލަތުން ބުނިގޮތުގައި އަދީބު ހެއްކެއްގެ ގޮތުގައި ހުށަހަޅަނީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނެވިއިރު، އެ ޕާޓީއަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އަދަދުތައް އެހާ ބޮޑު ނޫންކަން ސާބިތުކޮށް ދިނުމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ވެސް ލިބެނީ ދިވެހި ރުފިޔާއިން ކަން ސާބިތުކޮށް ދިނުމަށެވެ. ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކޮން ފައިސާއެއް ކަން ނޭނގޭ ކަން ސާބިތު ކުރުމަށް ކަމަށެވެ.

ލުތުފީ އާއި މުވައްވިޒްގެ ނަން ހުށަހެޅީ އޭސީސީއާ ޔާމީނާ އެކު އެއްބަސްވެ ވަޑައިގެން ހެއްދެވި، އެސްކްރޯ އެކައުންޓާ ގުޅޭ ކަންކަން ސާބިތު ކުރުމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު. --ފައިލް ފޮޓޯ

ޒަމީރުގެ ނަން ދައުލަތުން ހުށަހަޅަނީ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަން ސާބިތު ކުރުމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅި އާންމު މީހާއަކީ ހުޅުމާލޭގައި އޮތް ޒަމީރުގެ ބިމެއް ދެ މިލިއަން ޑޮލަރަށް ގަތް މީހެއް ކަމަށް ދައުލަތުން ބުންޏެވެ.

ޒިޔަތުގެ ނަން ދައުލަތުން ހުށަހެޅީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ޔާމީންގެ މަޝްވަރާ އެ އެކި ކަންކަމުގައި ލިބުނު ކަން ސާބިތު ކުރުމަށެވެ. ބީއެމްއެލްގެ ބޯޑުގެ ދެ މެމްބަރެއްގެ ނަން ދައުލަތުން ހުށަހެޅީ އެސްކްރޯ އެކައުންޓާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ކިތާބީ ހެކީންގެ ގޮތުގައި ބައެއް ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތަކާއި ޗެކްތަކެއްގެ އިތުރުން ޔާމީން ފުލުހުންގެ ތަހުގީގަށާއި އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާން ވެސް ދައުލަތުން ހުށަހެޅި އެވެ.

ދައުލަތުން ދައުވާ އިއްވުމުން ޔާމީން ވިދާޅުވީ އެ ދައުވާ ސާފު ނުވާ ކަމަށެވެ.

އެމަނިިކުފާނުގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެ ދައުވާއާ ގުޅިގެން ބައެއް ކަންކަން ސާފުނުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ދައުވާގައި، ތިން މުއާމަލާތެއްގެ ވާހަކަ އޮތްއިރު، މަނީ ލޯންޑްރިންގެ ދައުވާ ބިނާކުރަނީ ކޮން މުއާމަލާތަކަށް ކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކޮން ކުށަކާ ގުޅޭ ފައިސާއެއް ކަން ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި އެ ދައުވާ އެ ގޮތުގައި ކުރިއަށް ގެންދަން ހުރަސްތަކެއް އެބަހުއްޓެވެ. އެހެންވެ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި އެކަންކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ދައުވާ ބިނާކުރަނީ ދައުވާގައި ބުނާ ތިން މުއާމަލާތް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. ކުށެއް ކޮށްގެން ހޯދި ކަމަށް ބެލެވޭ ނުވަތަ ޝައްކު ކުރެވޭ މުދަލެއް ފޮރުވުމަކީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ޔާމީން ތެދުވެ ވަޑައިގެން، ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އެސްއޯއެފްގެ ފައިސާ ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ފައިސާއެއް ނޫން ކަމަށެވެ.

އެމަނިކުފާނުގެ ވަކީލް ޝިޔާޒް ވިދާޅުވީ ޖަމާވި ފައިސާއަކީ ކޮން ކުށަކާ ގުޅޭ ފައިސާއެއް ކަމަށް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. ދައުވާ ކުރަނީ ދައުލަތުން ކަމަށް ވާއިރު، އެކަންކަން ދައުލަތަށް ސާފުކޮށް ދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ދައުލަތާ ސުވާލު އަމާޒު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެއީ ކޮރަޕްޝަންގެ ކުށްތަކާ ގުޅުންހުރި ކަމަށް ބެލެވޭ ފައިސާ ކަމަށެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެހެން މައްސަލަތައް މިހާރު ވެސް ކޯޓުތަކުގައި ހިނގަމުންދާ ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ ދައުވާ ކުރަނީ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކޮރަޕްޝަންގެ ކުށުން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރިއިރު ހުށަހެޅި ހެކިތަކުގެ އިތުރުން އިތުރު ދެ ހެއްކެއް ވެސް ދައުލަތުން އޮތީ ފަހުން ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންވެ، އެ ދެ ހެކިން ވެސް ބަލައިގަތުމަށް ދައުލަތުން އެދުނެވެ.

ދައުވާ ކުރިއިރު، އެ ހެކިންގެ ހުށަނޭޅީ ކީއްވެގެންތޯ އިސްގާޒީ ހައިލަމް ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ ހެކިންގެ ބަޔާންތައް ލިބުނީ ފަހުން ކަމަށާއި އެ ހެކިންނަކީ ދައުވާ ކުރިއިރު ފުލުހުންނަށް ނުހޯދި ތިބި ބައެއް ކަމަށެވެ. އޭގެ ތެރޭގައި އެސްއޯއެފްގައި މަސައްކަތްކުރި މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ދައުލަތުން ބުންޏެވެ.

އިސް ގާޒީ ވިދާޅުވީ އެ ހެކިން ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެކަމާ ގުޅިގެން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދެއްވުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކާއި ޗެކްތަކުގެ ކޮޕީ އާއި ޗެކް ޖަމާކުރި ކަމުގެ ލިޔުންތައް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ސިއްރުކޮށް ދިނުމުގެ އަމުރަކަށް ވެސް ދައުލަތުން ކުރިން އޮތީ އެދިފަ އެވެ. އެ ލިޔުންތައް ސިއްރުކުރާ ސަބަބާ ބެހޭގޮތުން ދައުލަތުން ބުނީ އެގޮތަށް އެދެނީ އެއީ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކަކަށް ވާތީ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ވެސް އެފަދަ ލިޔުންތައް ސިއްރު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން އިސްގާޒީ ނިންމެވީ ބޭންކް ސްޓޭޓްމަންޓްތައް ވަކި އުސޫލެއްގެ ދަށުން ސިއްރު ކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާ ކަމަށެވެ. އެކަމަކު ޗެކްތަކުގެ ކޮޕީ އާއި ޗެކް ޖަމާކުރިކަމުގެ ލިޔުންތައް ސިއްރު ނުކުރެވޭނެ ކަމަށާއި ޗެކް ޖަމާކުރި ފަރާތްތަކަކީ ކޮބައިކަން ދައުވާލިބޭ ފަރާތަށް ވެސް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވުމަށް ފަހު އެވެ. އެ ހުށަހެޅުންތައް ލިޔުމުން ކޯޓަށް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ގާޒީ އެންގެވި އެވެ.

އެ މައްސަލާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހައި ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.