ރާއްޖޭގެ އެއާ ފޯސްއަށް ޕައިލެޓުންނާއި އިންޖިނިއަރުން ހޯދަން އިއުލާންކޮށްފި

ރާއްޖޭގައި ވައިގެ އަސްކަރިއްޔާއެއް (އެއާ ފޯސް) އުފައްދަން ނިންމާފައިވާތީ ޕައިލެޓުންނާއި މަތިންދާބޯޓު އިންޖިނިއަރުން ހޯދަން އެމްއެންޑީއެފުން މިއަދު އިއުލާންކޮށްފި އެވެ.


ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިފައިންގެ އެހާ ފޯސްއެއް އުފައްދަން ސަރުކާރުން ނިންމާފައިވާތީ، ޕާކިސްތާނާއި އިންޑިއާއިން ވަނީ ވައިގެ އަސްކަރިއްޔާގައި ބޭނުންކުރާ މަތިންދާބޯޓުތަކެއް ރާއްޖެއަށް ދޭން ނިންމައިފަ އެވެ. ތިން ފައިޓާ ޖެޓާއި މަތިންދާބޯޓެއް ދޭން އިންޑިއާ އިން ނިންމާފައިވާއިރު ޕާކިސްތާނުން ދެނީ ދެ މަތިންދާބޯޓެވެ.

އެމްއެންޑީއެފުން އިއުލާންކޮށްފައިވަނީ ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުން ހޯދުމަށެވެ. ވަޒީފާ ދާއިމީވުމުން ޕައިލެޓުންގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 20،000ރ. އެވެ. އިންޖިނިއަރުންގެ ވަޒީފާ ދާއިމީ ވުމުން ހަމަޖައްސާފައިވަނީ މަހަކު 18،000ރ. މުސާރައިގެ ގޮތުގައި ދިނުމަށެވެ.

ސަރުކާރުން ބުނީ އެއާ ފޯސްގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދޭން އިންޑިއާއިން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ވައިގެ އަސްކަރީ ބޭސް ގާއިމްކުރަން ހަމަޖައްސާފައިވަނީ ލ. ކައްދޫ އެއާޕޯޓްގަ އެވެ. އެއީ މިހާރު ވެސް ސިފައިންގެ އޮޕަރޭޝަންސްތަކަށް ބޭނުންކުރާ ތަނެކެވެ.

ދިވެހި ސިފައިން ވައިގެ މަގުން މިހާރު އޮޕަރޭޝަންތައް ހިންގަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކޮށްގެންނެވެ. އާންމު ގޮތެއްގައި އެ ދެ ހެލިކޮޕްޓަރު މިހާރު ބޭނުންކުރަނީ ބަލި މީހުން އުފުލުމަށާއި ކަނޑުމަތިން ގެއްލޭ އުޅަނދުތައް ހޯދުމަށެވެ.