ދިވެއްސެއްގެ އަނތްބަކު އިންޑޮނީޝިއާގެ އިންތިޚާބު ކާމިޔާބުކޮށްފި

މި މަހުގެ 17 ގައި ބޭއްވި އިންޑޮނީޝިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި، ދިވެއްސެއްގެ އަނތްބަކު މަޖިލީހުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފި އެވެ.


ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އެކުއެކީގަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިންޑޮނީޝއާގެ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ ދެ ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަންނަވާނެ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ލިބުނީ ވެރިކަން ކުރާ ކޯލިޝަނަށެވެ.

އެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށްވާ ޕީކޭބީގެ ޓިކެޓުގައި ނުކުންނަވައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ވަޒީފާއެއްގައި އުޅުއްވާ އަހްމަދު ހަލީމްގެ އަނބިކަނބަލުން ތަތީ ރަހުމަވަތު، 45، އެވެ. އޭނާ ތަތީއާ ކައިވެނި ބައްލަވައިގަތީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ތަތީ، އޭނާގެ ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.

ވޯޓުލުމުގެ ހައްގު 400،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ޖަކާޓާ ސައުތުން ހޮވީ ނުވަ ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ތަތީ ހިމެނިވަޑައިގެންނެވި އިރު، ޖުމްލަ 180 ކެންޑިޑޭޓުން ވާދަ ކުރި އެވެ.

"ފަސް ވަނަ އަށް [ތަތީ] މި ހޮވުނީ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ވެސް އެ ދާއިރާ އިން ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަކު ނުހޮވޭ. އެހެންވެ މި އިންތިޚާބުގައި ޖަކާޓާ ސައުތުގެ ގޮނޑިއެއް ކަށަވަރު ވުމަކީ ސަރުކާރު ކޯލިޝަނަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް،" ފިރިކަލުން ހަލީމް ވިދާޅުވި އެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 22 ގަ އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަނަށް އެ ގޮނޑި ކާމިޔާބުވީ، ފޯރިގަދަ ކެމްޕޭނަކުންނެވެ. އާއްމު ގޮތެއްގައި އިންޑޮނީޝިއާގައި ތާއީދު ހޯދުމުގެ ކެމްޕޭން ކުރަނީ، ގިނަ ބަޔަކު އެއްތަނަކަށް އެއްކޮށްގެންނެވެ. އޭގެ ބަދަލުގައި ހަލީމް ވެސް ހިމެނިވަޑައިގެންނެވި ކެމްޕޭން ޓީމުން މި ފަހަރު ތަތީގެ ކެމްޕޭން ކުރީ ރާއްޖޭގައި ކެމްޕޭން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން އެއްތަނަކަށް އެއްކޮށްގެން ކެމްޕޭން ކުރުމުގެ ބަދަލުގައި ހަމަ ދޮރުން ދޮރަށް ހިންގީ. ވައުދުތައް ކިޔައިދިނީ. އެއީ، ކާމިޔާބު ވުމުގެ އަސްލަކީ،" ހަލީމް ވިދާޅުވި އެވެ.

ހަލީމާއި ތަތީ އަދި ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.

އޭނާ ވިދާޅުވީ ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ ޗުއްޓީ އިތުރު ކުރާނެ ކަމުގެ ވައުދު ކެމްޕޭންގައި ވަރަށް ހިނގި ކަމަށެވެ. ވިހެއުމާ ގުޅިގެން ރާއްޖޭގައި ހަ މަސް ދުވަހުގެ ޗުއްޓީ ދެމުން އަންނަ ކަން ފާހަގަކުރައްވައި، ތަތީ ވައުދުވެވަޑައިގަތީ އެ ގައުމުގައި އެއް އަހަރުގެ ޗުއްޓީއެއްދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ. އޭގެ އިތުރުން މަޖިލީހުގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމުގެ މުހިއްމު ކަން ތަތީ ރައްޔިތުންނަށް ވިސްނައިދިނެވެ.

ރާއްޖެ އާއި އިންޑޮނީޝިއާގެ ގުޅުންއިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވަން ވެސް ތަތީ ވަނީ ނިންމަވައިފަ އެވެ. އެގޮތުން ފުރަތަމަ އަމާޒަކީ ދެ ގައުމުގައި އެމްބަސީ ހުޅުވުން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"ސެޕްޓެމްބަރުގައި މަޖިލީސް ހުޅުވުމާ އެކު އެ މަސައްކަތް ފައްޓަވާނެ،" އޭނާ ވިދާޅުވި އެވެ.