ރައީސާއި ނަޝީދަކީ އެމްޑީޕީގެ ދެ "ޖަވާހިރު"، އެ ދެ "ޖަވާހިރު" ގެންގުޅޭނީ އެކުގައި: ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އެ ޕާޓީ އަށް ލިބިފައިވާ ދެ "ޖަވާހިރު" ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގައި މިވަގުތު ތިއްބެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވީ، ޝާހިދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ބޭފުޅެއް"ގެ ގޮތުގައި ބައެއް މީހުން ސިފަކުރާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް ހަމަ އެހާ ހިތްވަރުގަދަ ބޭފުޅެއް. އެ ދެ ބޭފުޅުންނަކީ ހަމަ އެމްޑީޕީ އަށް ލިބިފައިވާ ދެ ޖަވާހިރު،" މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ނަޝީދުގެ ދިފާއުގައި މިދިޔަ ދުވަސްތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ދޭތެރެއިން ކޮން ޖަވާހިރެއްތޯ މޮޅީ ކޮން ޖަވާހިރެއްތޯ [ވާހަކަ ދެއްކުން] އެއީ ފިތުނަ. އެއަކަށް ޖާގަ ދޭނެ ކަމެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ބަލިކޮށްލަން ބޭނުން ކޮންމެ މީހަކު އެ ފިތުނަ އުފައްދާނެ އެވެ.

އެކަމަކު "އަޅުގަނޑުމެން އެމްޑީޕީ އެ އަށް ވުރެ މާ ހިތްވަރުގަދަ. ދެ ޖަވާހިރު އެކުގައި ގެންގުޅޭނީ،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނާ އެންމެ އަރިސްކޮށް އަދި މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ ޑީއާރުޕީގައި ކުރިން އުޅުއްވި ޝާހިދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތުމާ އެކު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެންމެ ގާތް ބޭފުޅުންގެ ލިސްޓުން ޖާގަ ހޯއްދަވައިފަ އެވެ. ޝާހިދުގެ ފަހަތުން ޑީއާރުޕީގެ ލީޑަޝިޕް އަދި އެ ޕާޓީގައި ނަން ހިނގާ ބައެއް ބޭފުޅުން އެމްޑީޕީ އަށް ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި ޑީއާރުޕީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ދެކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް ހަމަ އެހާ ހިތްވަރުގަދަ ބޭފުޅެއް. އެ ދެބޭފުޅުންނަކީ ހަމަ އެމްޑީޕީ އަށް ލިބިފައިވާ ދެ ޖަވާހިރުން. އަޅުގަނޑުމެން އެ ދޭތެރެއިން ކޮން ޖަވާހިރެއްތޯ މޮޅީ ކޮން ޖަވާހިރެއްތޯ [ވާހަކަ ދެއްކުން] އެއީ ފިތުނަ،" ޝާހިދު

ޝާހިދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ވަރަށް ގާތުން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ޝާހިދު ހުންނެވި ދުވަސްވަރު ވެސް ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ދެ ބޭފުޅުން އެކުގައި ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އަދި 2013 ވަނަ އަހަރު ރައީސް ނަޝީދު އަލުން އިންތިޚާބު ކުރުމަށް އެންމެ ބުރަކޮށް ކެމްޕެއިން ކުރި އެކަކީ ވެސް އަޅުގަނޑު. އަދި ރައީސް ނަޝީދު ޖަލަށް ލުމުން، ރައީސް ނަޝީދު ދޫކޮށްލުމަށް ބައިނަލްއަގްވާމީ ދާއިރާގައި ގައުމުތަކަށް ދަތުރުކޮށް އެ ތަންތަނުގެ ބޭފުޅުންނާ ވާހަކަ ދައްކައި، މަސައްކަތްތަކެއް ކުރި މީހަކީ ވެސް އަޅުގަނޑު،" ނަޝީދުގެ ދިފާއުގައި ކޮންމެ ހާލަތެއްގައި ވެސް ހުންނެވިކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"ރައީސް ނަޝީދާ ދޭތެރޭގައި [އޭރުގެ] ސަރުކާރުން ކަންކުރި ގޮތާ ބެހޭ ގޮތުން ފާޅުގައި ބަސް ބުނެ، މަގުމައްޗަށް ނުކުމެ އުޅުނު މީހެއް އަޅުގަނޑަކީ."