ބޮޑު އަޣުލަބިއްޔަތާ އެކު، އިތުބާރު ދެމެހެއްޓޭނީ ވަރަށް ބާރަށް ކަންކަން ކޮށްގެން: ޝާހިދު

މި ފަހަރުގެ އާންމު އިންތިޚާބުގައި 65 ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ދީފައިވާއިރު، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ވަރަށް ބާރަށް ސަރުކާރުން ކުރިއަށް ގެންގޮސްގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ، މިހާ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނުމުން ސަރުކާރުގެ ކޮނޑުގައި އެޅޭ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.

"މި 65 މެމްބަރުން އެމްޑީޕީ އަށް ރައްޔިތުން ދިނީމާ އެއިން އެނގެނީ ރައްޔިތުން އެމްޑީޕީގެ ސަރުކާރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ކުރާ އިތުބާރުގެ ބޮޑުކަން. އެ އިތުބާރު ދެމެހެއްޓުމަކީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުން. ކަންތައްތައް ވާ ތަން ފެނުން،" ރާއްޖޭގެ ސިޔާސީ ދާއިރާގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު އަދި އެންމެ ސީނިއާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމާ ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ވަރަށް ބާރަށް ކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހޭނެ. އެއީ މިއަދުގެ ހަގީގަތަކީ."

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 65 ބޭފުޅުން އެމްޑީޕީ އަށް ރައްޔިތުން "ހަދިޔާ" ކުރުމަކީ "ސަރުކާރު ފުލް އެލާޓަށް" އަންނަންޖެހޭ ކަމެކެވެ.

ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވަރަށް ބާރަށް ވަރަށް ގިނަ ކަންކަން ސަރުކާރުން ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި ނަމަވެސް މިދިޔަ ހަތް މަސް ތެރޭގައި ސަރުކާރުގެ މަސައްކަތުގެ ސްޕީޑު ލަސްވެގެން ކިޔަމުންދާ ފާޑުކިޔުންތަކާ އޭނާ ދެކޮޅެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު، ސުވާލެއް އައްސަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަރުކާރުން ކަންކަން ކޮށްދިނުމުގެ ސްޕީޑް ވަރަށް ދަށް ކަމަށް ބުނެ ބައެއް މީހުން ޝަކުވާކުރާ ކަމަށް ދެންނެވުމުން ޝާހިދު ވިދާޅުވީ، ސަރުކާރަކީ "އަލާއުއްދީނުގެ ވޮއްގަނޑެއް ނޫން" ކަމަށެވެ.

"[ސަރުކާރަކީ] އަލާއުއްދީންގެ ވޮއްގަނޑެއް ނޫން އަތް އުނގުޅާލީމާ، ހިތަށް އަރުވާލީމާ ކަންކަން ވާކަށް. އަޅުގަނޑުމެންގެ ސަރުކާރަކީ ކަންކަން ތަރުތީބު ކޮށްގެން، ޕްލޭން ކޮށްގެން، ރަނގަޅަށް ކުރާނެ ބައެއް. އެ ތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށްރަށުގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ހުޅުމާލެ އާއި އެހެން ރަށްރަށުގައި ފްލެޓުތައް އަޅާނެ އެވެ.

"ހަމަ މަގު މެދުގައި ހުއްޓިފައި މިތަނުގައި ފްލެޓު، މިތަނުގައި ހޮސްޕިޓަލް، މިތަނުގައި 25 ބުރީގެ ދެ ހޮސްޕިޓަލް [އިމާރާތް ކުރަންވީ]. އެހެން މިދިޔަ ސަރުކާރުގައި ކަންކަން ކުރީ. ބައްލަވާ އޭގެ ނަތީޖާ. އެތައް ބައިވަރު ފައިސާއެއް ބޭކާރު ގޮތުގައި ހޭދަވެގެން ދިޔައީ،" ޔާމީންގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އަމާޒު ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމާ ކުޑަކޮށް ހަމަޖެހިލާފައި، މޭޒުމަތީގައި ކަރުދާސް ބާއްފައި، ތަރުތީބުކޮށްގެން، ރައްޔިތުން އެދޭ ގޮތް އޮޅުން ފިލުވާލައިގެން އެއާ އެއްގޮތަށް ކަމެއް ކޮށްލަށް އިތުރު އެއް ދުވަސް ނެގުން އެއީ އަޅުގަނޑު ދެކޭގޮތުގައި މައްސަލައެއް ނޫން."

"[ސަރުކާރަކީ] އަލާއުއްދީންގެ ވޮއްގަނޑެއް ނޫން އަތް އުނގުޅާލީމާ، ހިތަށް އަރުވާލީމާ ކަންކަން ވާކަށް. އަޅުގަނޑުމެންގެ ސަރުކާރަކީ ކަންކަން ތަރުތީބު ކޮށްގެން، ޕްލޭން ކޮށްގެން، ރަނގަޅަށް ކުރާނެ ބައެއް. އެ ތަން މި ފެންނަނީ،" ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އަދި ރައްޔިތުންނަށް ކަމެއް ކޮށްނުދެވިގެން އުޅޭ ވާހަކަ ދައްކާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގައި 83 ޕަސެންޓު ހާސިލްވިކަން ވެސް ފާހަގަކުރަންޖެހެ އެވެ.

"ދެން ހުރީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް އެއީ ވަރަށް ބޮޑެތި ފައިސާގެ އަދަދުތައް ހިމެނޭ ކަންކަން. އެހެންވީމާ ޒިންމާދާރުކަމާ އެކު، މަސައްކަތްތައް ޕްލޭން ނުކޮށް ފަށައިގެންފިއްޔާ އެ ދަރަނިތައް ބޭކާރު ޚަރަދުތަކެއްގެ ގޮތުގައި އެޅޭނީ ރައްޔިތުންގެ ބޮލުގައި. މި ސަރުކާރުން އެހެނެއް ނުހަދާނެ. މި ސަރުކާރު އައީ ފަސް އަހަރަށް. ވައުދުތައް ހުރީ ފަސް އަހަރަށް. އެހެންވީމާ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް، އެހެން ނަމަވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދާނީ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.