ޗިކުންގުންޔާގައި ހާލު ދެރަވި ދެ ކުދިން އަންނަނީ ރަނގަޅުވަމުން

ޗިކުންގުންޔާ ޖެހިގެން ސިކުނޑި އިންފެކްޓްވި ދެ ކުދިންގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރަކު މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ހަތް އަހަރުން ދަށުގެ ކުޑަ ދެ ކުދިންނަކީ ޗިކުންގުންޔާ ޖެހިގެން ދެ ރަށަކުން ގެނައި ދެ ކުދިންނެވެ. އެ ދެ ކުދިންގެ ސިކުނޑި އިންފެކްޓްވެ ހާލު ސީރިއަސްވުމުން ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެންނެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް، "މިހާރު" އަށް ވިދާޅުވީ ދެ ކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"މީގެ ކުރިން ވެސް އެފަދަ ކޭސްތަކުން ކުދިން ސަލާމަތް ކުރެވިފައި އެބަހުރި. މިހާރު ފަރުވާ މިދޭ ދެ ކުދިންގެ ހާލު ވެސް އަންނަނީ ރަނގަޅުވަމުން،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗިކުންގުންޔާ ޖެހިގެން އެގޮތަށް ހާލު ދެރަވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުދިން އެއް މަހުގެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެގެން ވެސް ފަރުވާދީ ރަނގަޅު ވެފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ޗިކުންގުންޔާ ޖެހިގެން ބޮޑެތި މީހުންގެ ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ދިމާވާއިރު ކުޑަކުދިންނަށް ދިމާވަނީ ނިއުރޮޖިކަލް މައްސަލަތަކެވެ. އެއީ ސިކުނޑި އިންފެކްޓްވުމާއި ލޯ ފަދަ ގުނަވަންތަކަށް ދިމާވާ އެކި މައްސަލަތަކެވެ. އަދި އޭގެ ސަބަބުން ހެޔަށް ގޮތްވުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.

މިދުވަސްވަރު ޗިކުންގުންޔާ ޖެހިގެން ފަރުވާ ހޯދާ މިންވަރު އިތުރުކަން ފާހަގަކޮށް ޑރ. ފައިސަލް ވިދާޅުވީ އެކަމަށް އޮތް ހައްލަކީ މަދިރި އުފެދޭ ތަންތަން ނައްތާލުން ކަމަށެވެ. އެކަމަށް ފަރުދީ ޒިންމާ ނަގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް، ސޯޝަލް މީޑިއާގައި އާންމު ސިއްހަތުގެ ބައެއް ކަންކަން، އާންމުންގެ ސަމާލުކަމަށް ގެންނަވާ ޑޮކްޓަރު ވިދާޅުވި އެވެ.

މި އަހަރު ޗިކުންގުންޔާ ޖެހިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް 926 މީހުން ފަރުވާ ހޯދާފައިވެ އެވެ. އެ ބަލީގެ އެންމެ ގިނަ މީހުން ފެނުނީ މާލެ އާއި ރ.، ތ. އަދި ގއ. އަތޮޅުންނެވެ. އެގޮތުން މާލެއިން 375 މީހުން، ގއ. އިން 291 މީހުން އަދި ރ. އަތޮޅުން 85 މީހަކު ފަރުވާ ހޯދި އެވެ.

ބަލި ވެގެން ފަރުވާ ހޯދި މީހުންގެ ތަފާސް ހިސާބު---

މިބަލި ޖެހެނީ ބަލީގެ ވައިރަސް ހުރި މީހެއްގެ ގައިން މަދިރި ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިން ލޭ ބުއިމުގެ ތެރޭގައި އަނެކާގެ ހަށިގަނޑަށް ވައިރަސް ވާސިލްވުމުންނެވެ. މި ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމާއި ބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ނަގާނީ ދެ ދުވަހާއި 12 ދުވަހުގެ މުއްދަތެކެވެ. އަދި ބައެއް ފަހަރު ތިން ދުވަސް ނުވަތަ ހަތް ދުވަސް ވެސް ނަގައިފާނެ އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުންއައުން • ބޮލުގައިރިއްސުން • ހުޅުހުޅުގައި ރިއްސުން • ގައިން ބިހިނެގުން • ވަރުބަލިވުން އިތުރުވުން • މޭނުބައިކުރުމާއި ހޮޑުލެވުން • ކާހިތްނުވުން ކަހަލަކަންތައްތައް އެ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. މި ބައްޔަށް މިހާތަނަށް ހާއްސަ ވެކުސިނެއް އަދި ހާއްސަ ފަރުވާއެއް ވެސް ހޯދިފައެއް ނުވެ އެވެ.