ޓެސްޓުތައް ވެސް ފެށިފަހުން ކީސްޓޭޖް ތިނެއްގެ ޕޭޕަރުތައް މާކްކުރުމުގެ އުސޫލު ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ޓާމާއި ދެ ވަނަ ޓާމުގައި ޓެސްޓް ޕޭޕަރުގެ ޖުމްލަ މާކްސްގެ ގޮތުގައި ދޭނީ 60 ކަމަށެވެ. ނަމަވެސް މީގެ ކުރިން ޕޭޕަރުތަކަށް ދެމުން އައީ 40 މާކްސް އެވެ. ބާކީ ބައި ހިމަނާނީ ސްކޫލުގައި ދޭ އެސެސްމަންޓުތަކުންނެވެ.
ކީ ސްޓޭޖް ތިނެއްގައި ހިމެނެނީ ގްރޭޑު 7 އަދި 8 އެވެ.
ގައުމީ އާ މަންހަޖާއެކު ދަރިވަރުންގެ ފެންވަރު ވަޒަންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ. ޓެސްޓް ދެމުން އަންނަނީ ގްރޭޑު ހަތަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ވާއިރު، އެ ދަރިވަރުންގެ ފެންވަރު ބަލަން ކްލާހުގައި އެސެސްމަންޓުތަކާއި ޕްރޮޖެކްޓުތަކެއް ހަދަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލަކުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ ކުއްލިއަކަށް ޕޮލިސީތައް ބަދަލުވުމުން އެކަމުގެ އަސަރު ދަރިވަރުންނަށް ކުރާނެ ކަމަށެވެ. އެގޮތުން އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުކުރަންވީ ކިހިނެއް ކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"ބައެއް ޕޭޕަރުތައް މާކްކޮށް ވެސް ނިމުނު ފަހުން މި އެންގީ އުސޫލު ބަދަލުކުރިކަން. އެގޮތަށް ކަންތައް ކުރީމަ ހަރުދަނާ އެއްވެސް އުސޫލެއް ނެތްކަން އެނގިގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޕޭޕަރަށް މާކްސް ދިނުމުގެ އުސޫލު ބަދަލުކުރީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް ކަމަށެވެ.
ސްކޫލްތަކެއްގައި ފުރަތަމަ ޓާމުގެ ޓެސްޓް މިހާރު ވަނީ ނިމިފަ އެވެ. ރިޕޯޓު ފޮތް ދޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ. އެއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.