ހަތަރު ރަށެއްގެ މަގުތަކުގައި ތާރު އަޅަން އެމްޓީސީސީ އަށް ހަވާލުކޮށްފި

ރާއްޖޭގެ ހަތަރު ރަށެއްގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.


މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެތަނުގެ ސީއީއޯ ހަސަން ޝާހު ސޮއިކުރެއްވި އިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. މިއަދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތާރު އަޅަން ނިންމާފައި ވަނީ ލ. ފޮނަދު އާއި ރ. އުނގޫފާރު އާއި ރ. ދުވާފަރު އަދި ހދ. ހަނިމާދޫގެ ބޮޑެތި މަގުތަކުގަ އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިިއަދު ކުރި ޓްވީޓެއް

އެ ރަށްތަކުގެ ބޮޑެތި މަގުތައް ރަނގަޅަށް ބިނާކޮށް، ތާރު އެޅުމުގެ މަސައްކަތަށް ކަނޑައަޅާފައި ވަނީ ޖުމްލަ 120،027،118.10 ރުފިޔާގެ ބަޖެޓެކެވެ. އެއީ ފޮނަދު އަށް 25،576،576.53ރ. ގެ ބަޖެޓަކާއި އުނގޫފާރަށް 19،399،771.26ރ. އާއި ދުވާފަރަށް 28،251،542.52ރ. އަދި ހަނިމާދު އަށް 46،799،227.79ރ. ގެ ބަޖެޓެކެވެ. މި މަޝްރޫއުތައް ފުރިހަމަކުރަން 204 ދުވަސް އެމްޓީސީސީ އަށް ދީފައި ވެ އެވެ.

މިިދިޔަ މަހު ވެސް ނެޝަނަލް ޕްލޭނިން މިނިސްޓްރީން ވަނީ ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ ފުވައްމުލަކުގައި ރިންގްރޯޑު އެޅުމުގެ މަސައްކަތާއި އއ. ހިމަންދޫގައި ބަނދަރު އެޅުމުގެ މަސައްކަތެވެ.