މަސްލަހަތެއް ނެތް، ހައްގު ނޫން ބަދަލަކަށް ލަފައެއް ނުދޭނަން: އޭޖީ

ޒާތީ، ތައައްސުބުން އެއްކިބާވެ، އިންސާފް ގާއިމްކޮށްދޭން އެދި ކުރީ ސަރުކާރުގައި އެންމެ ގަދައަށް އަޑު އުފުއްލެވި އެއް ބޭފުޅަކީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ؛


އެކަމަކު މި ވެރިކަމުގައި، ދައުލަތުގެ އެންމެ ޒިންމާ ބޮޑު، އެއް މަގާމާ ހަވާލުވެވަޑައިގެން ދެއްވި ބައެއް ލަފާތަކާ އެކު އޭނާ އަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ދައުލަތަށް ލިބޭ ގެއްލުމަކަށް ނުބައްލަވައި، އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމުގެ ތުހުމަތު ވެސް އަޅުވައިފި އެވެ.

ޚާއްސަކޮށް، ދައުލަތަށް މާލީ ބުރައަކަށް ވާ ނިންމުންތަކުގައި، ރިފްއަތު ދެއްވާ ލަފަޔާ މެދު ސުވާލު އުފައްދަ އެވެ. މީގެ ކުރިން އޭނާ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި ކުންފުނިތަކުގެ މަސްލަހަތު އިސްކުރައްވާ ކަމަށް ވެސް ޝައްކުކުރެ އެވެ.

ރިފްއަތު ދެއްވާ ލަފަޔަށް، ދައުލަތަށް ބުރަބޮޑުވާ ނިންމުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ އެއްވެސް ކަމެއްގައި މިހާތަނަށް ގާނޫނާ ޚިލާފު އަދި ނުހައްގު ބަދަލެއް އެއްވެސް ބަޔަކަށް ހޯދައި ދޭން ލަފައެއް ދެއްވާފައި ނުވާނެ ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އޭނާ ގަބޫލުކުރެއްވި ހަމަތަކާއި އުސޫލްތައް ދޫކޮށް ނުލައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިސްކުރައްވާނީ ދައުލަތާއި ރައްޔިތުންގެ ހައްގުތައް ކަމަށް ވިދާޅުވި އެވެ.

ގޯހެއް ވާނީ ގޯހަކަށް. އެކަމަށް އިއުތިރާފްވެ، ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. ދެރަވާން ޖެހޭ ކަމެއް ނޫން. އެއީ ކަން ރަނގަޅަށް ކުރަން ބޭނުންވާ ކަން އަންގައިދޭ ކަމެއް. --ރިފްއަތު

ފަހަކަށް އައިސް ކޯޓުތަކުން ނިމިފައިވާ ބައެއް މައްސަލަތަކުގައ ފައިސާގެ ބޮޑެތި އަދަދުތަކެއް ދައުލަތުން ދައްކަން ޖެހުން ފާހަގަކުރައްވަމުން ވިދާޅުވީ އެއްވެސް މައްސަލައެއް ރަނގަޅަށް މުރާޖައާކޮށްފައި ނޫނީ ފައިސާ ދޭން ލަފައެއް ދެއްވާފައި ނޯންނާނެ ކަމަށެވެ.

"މައްސަލަތައް ރަނގަޅަށް ރިވިއުކޮށްފައި، ހަމަ ހަގީގަތުގައި ވެސް ދޭން ޖެހޭ ހާލަތެއްގައި ނޫނީ، ދައުލަތުން ފައިސާއެއް ދޭން ލަފައެއް، ނުވަތަ އިރުޝާދެއް އެއްވެސް އެޓާނީއަކަށް ދީފައެއް ނޯންނާނެ،" ރިފްއަތު ވިދާޅުވި އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތެއް، މި ސަރުކާރު އައިއިރު، ވޭތުވެދިޔަ ސަރުކާރުތަކުން އެބަހުރި ވަރަށް ގޯސްކޮށް ކަންތައްތައް ކޮށްފައި. އެއީ މީސްމީހުންގެ ވަޒީފާ އަށް ބެލި ކަމުގައި ވިޔަސް ދައުލަތުގެ އެތަން މިތަނުން އެގޮތަށް އަމަލުކޮށްފައި އެބަހުރި،" ރިފްއަތު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު: ދައުލަތުން ގޯސް ހަދާފައިވާ ނަމަ، ކޯޓުތަކުގައި އޭޖީ އޮފީހުގެ ވަކީލުން އެކަމަށް އިއުތިރާފްވާން ފެށުމަކީ ލަދުވެތި ކަމެއް ކަމަށް ދެކަވަޑައިނުގަންނަވާ ކަމަށް ވިދާޅުވި. -- މިހާރު/ފައިލް ފޮޓޯ

އޭނާ ވިދާޅުވާ ގޮތުން ފުލުހުންނާއި ކަރެކްޝަނަލް ސާވިސަސް އާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހާލަތަކީ ވެސް އެއީ އެވެ. ވެރިކަމާ މި ސަރުކާރު ހަވާލުވުމާ އެކު، ދައުލަތާ ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅި ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އޭޖީ އޮފީހުން މުރާޖައާ ކުރަން ޖެހުނު ވަޒީފާގެ މައްސަލަތައް އެކަނި ވެސް، އޭނާ ވިދާޅުވި ގޮތުގައި، 90 އަށް ވުރެ މައްޗެވެ.

ބޭއިންސާފުން އަމަލުކޮށްފައިވާ މައްސަލަތަކުގައި، ދައުލަތުން ދޭން ޖެހޭ ބަދަލުގެ އަދަދު ދެ ބިލިއަން ޑޮލަރު (30 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

"އެގޮތަށް ކޮންމެ މައްސަލައެއް ރިވިއުކޮށްފައި، އެ މައްސަލައެއް ގެންގުޅުއްވި ވަކީލުންނާ، ސުޕަވައިޒަރާ، އަޅުގަނޑާ އެކީގައި ވަކިވަކިން މައްސަލަތައް ރިވިއުކޮށްފައި، ވަޒީފާގެ މައްސަލައެއް ވެއްޖިއްޔާ މައުޟޫއީ އަދުލުވެރިކަން ގާއިމްކުރިތޯ ބަލާފައި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރިތޯ ބަލާފައި، އެކަން އެގޮތަށް ގާއިމް ނުވެ އޮންނަ ހާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދޭން މި ނިންމަނީ. އަދި އެ ވެސް އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލާފައި،" ރިފްއަތު ވިދާޅުވި އެވެ.

"އެކި މަޝްރޫއުތަކާއި ޚިދުމަތްތަކުގައި ވެސް މައްސަލައެއް މުރާޖައާކޮށްފައި ނޫނިއްޔާ ކޯޓުގައި ސްޓޭންޑެއް ނަގާފައެއް ނޯންނާނެ."

ރިފްއަތު ވިދާޅުވި ގޮތުގައި މައްސަލަތައް ރަނގަޅަށް ބަލައި ދިރާސާކުރުމަށް ފަހު ނޫނީ އޭޖީ އޮފީހުން މިހާރު ކޯޓުގައި އެއްވެސް ސްޓޭންޑެއް ނުނަގާނެ އެވެ. އަދި ދައުލަތުން ގޯސް ހަދާފައިވާ ނަމަ، ކޯޓުތަކުގައި އޭޖީ އޮފީހުގެ ވަކީލުން އެކަމަށް އިއުތިރާފްވާން ފެށުމަކީ ލަދުވެތި ކަމެއް ކަމަށް ދެކަވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން އޮތީ، ދައުލަތުން ގޯހެއް ހެދިޔަސް، އެކަން ފޫބައްދަން ގާނޫނާ ޚިލާފު އެހެން އަަމަލުތަކަކަށް އަރައިގަތުމުގެ ސަގާފަތެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އުއްމީދުތަކަކާއި ވައުދުތަކަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީ ކަންކަން ރަނގަޅު ކުރާށެވެ. އެއްވެސް މީހެއްގެ ހައްގެއް ނިގުޅައިގެންފައިވާ ނަމަ، އެ މީހަކަށް އެ ހައްގެއް ހޯދައި ދިނުމަކީ ވެސް މި ސަރުކާރުގެ ވައުދެއް ކަން ފާހަގަކުރެއްވި އެވެ.

"އެއީ، ސިޔާސީ ސަބަބަކާ ހުރެ ވަޒީފާ އިން މީހަކު ވަކިކުރި ނަމަވެސް އެ މީހަކަށް ހައްގު ވަޒީފާ ހޯދައިދޭން އަޅުގަނޑުމެން އައީ. އަދި ދައުލަތުން ޚިދުމަތެއް ހޯދާފައި ލާރި ނުދީ އޮތް ކަމަށް ވާ ނަމަ، އެ ލާރި ވެސް އެ ބަޔަކަށް ހޯދައިދޭން އަޅުގަނޑުމެން މިއައީ. އަދި ދައުލަތުން އާއްމު ފަރުދަކާ އެކު ނޫނިއްޔާ ކުންފުންޏަކާ އެކީގައި ކޮންޓްރެކްޓެއް ހަދާފައި އޭތި، ގޯސްކޮށް ބާތިލްކޮށްފައި އޮތް ކަމަށް ވަނީ ވިއްޔާ، އެކަން ރަނގަޅު ކުރަން އަޅުގަނޑުމެން މިއައީ،" ރިފްއަތު ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއް ކުރާއިރު އެ މީހަކަށް ހައްގު ނޫން ބަދަލެއް ދޭކަށެއް އެއްބަހެއް ނުވެވޭނެ. އެގޮތަކަށް ލަފައެއް ވެސް ނުދޭނަން."

އެކަމަކު ކުރިން ގޯސްކޮށް ލަފައެއް ދީފައިވާ ނަމަ، އެކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. ނިޔަތަކީ ގޯސް ކަންކަން ރަނގަޅުކޮށް، ނިގުޅައިގަތް ހައްގުތައް އިޔާދަކުރުން ކަމަށް ވިދާޅުވި އެވެ.

އިތުބާރު ގާއިމްކުރާނަން

އޭޖީ ވިދާޅުވި ގޮތުގައި އަމިއްލަ ލޯ ފާމުން ވަކިވެވަޑައިގެން، އޭޖީގެ މަގާމް ގަބޫލުކުރެއްވީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ބޭނުންވާތީ އެވެ. މަގާމުގައި، މިހާތަނަށް ނިންމެވި ނިންމެވުމެއްގައި އަމިއްލަ އަދި އެހެން އެއްވެސް މީހެއްގެ މަސްލަހަތެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ، ސަރުކާރުގެ އެއްވެސް ފަރާތެއްގެ މަސްލަހަތަކަށް، ބަލާފައެއް ނޫން ރިވިއުކުރުމުގެ ކަންކަން ނުވަތަ މައްސަލައެއްގައި ނިންމުމެއް ނިންމަނީ. ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ އޮންނަ ގޮތުގެ މަތިން އަޅުގަނޑު އުފުލަން ޖެހޭ މަސްއޫލިއްޔަތެއް މި އުފުލަނީ ގާނޫނުގައި އެކަން އޮންނަ ގޮތަށް ކުރެވޭތޯ އަބަދުވެސް ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އޭނާ ލަފާ ދެއްވާނީ އަދި ވަކާލާތު ވެސް ކުރައްވާނީ ގެއްލުމެއް ވެފައި އޮންނަ ހާލަތުގައި ރަނގަޅަށް ބަލާފައި ބަދަލު ދިނުމެވެ. މިސާލެއްގެ ގޮތުން ނެންގެވީ ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން، އެއީ ސައްހަ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ ސަބަބެވެ.

"ކޮބައިތޯ މައްސަލައަކީ ދީބާޖާ އަށް ވެފައި އޮތް ގެއްލުން ދަށު ކޯޓުގައި ބެލުމުގެ؟ ނެތޭ އެއްވެސް މައްސަލައެއް. ކީއްވެތޯ އަޅުގަނޑުމެން 348 މިލިއަން ރުފިޔާ ހަމަ ދޭން ޖެހޭ ކަމަށް ދަށު ކޯޓުން ހުކުމް ކުރީމަ، ދަށު ކޯޓުން ބާތިލްކުރީމަ، އިތުރަށް އެއްވެސް ބެލުމެއް ނުބަލައި ސުޕްރީމް ކޯޓުން މި މައްސަލައިގައި އަނެއްކާ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރީ،" ރިފްއަތު އެއްސެވި އެވެ.

ބަންޑާރަ ނައިބު ކަމުގެ ލިއުން، އިބްރާހިމް ރިއްފަތުއަށް ރައީސް ހަވާލުކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދައުލަތުން މިހާތަނަށް ބަދަލު ދޭން ޖެހޭ މައްސަލަތައް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ވާ އެއްބަސްވުންތައް ނިންމަން ޖެހޭނީ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ނާންނަ ގޮތަށް ކަމަށެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ލިއެވިފައިވާ ނަމަ އަމަލްކުރަން ޖެހޭނީ އޭގައި އޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ރޯ ގޯސްކޮށް، ގާނޫނީ ލަފާ ދީގެން ބައެއްގެ ހައްގުތަކަށް އަރައިގަތީމަ ދެން ނުބުނެވޭނެ ދެއްތޯ އެ މީހުންނަކަށް ގެއްލުމުގެ ބަދަލު ދޭކަށެއް ނުޖެހެއޭ. --ރިފްއަތު

ދައުލަތަށް މާލީ ބުރަ އުފުލަން ޖެހެނީ، އޭޖީ ވިދާޅުވި ގޮތުގައި، އެއްބަސްވުން އުވާލާ އިރު، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން އެންމެ ފުރިހަމަ އަށް ނުބަލާތީ އެވެ. މިސާލެއްގެ ގޮތުން ދެއްކެވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ވީ އެއްބަސްވުމާއި ދީބާޖާގެ އެއްބަސްވުން އުވާލި ގޮތެވެ.

ކަޅާއި ހުދުން ވަކި ގޮތަކަށް ލިއެފައި ވަނިކޮށް، އެއާޚިލާފަށް އެއްބަސްވުން އުވާލުމުގެ ޒިންމާ ނަގަން ޖެހެނީ އެކަމަށް ލަފާ ދެއްވި ބޭފުޅުން ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އާޚިރުގައި، ކޮންމެ މައްސަލައެއްގެ ބަދަލުދޭން ޖެހޭ އިރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބަދަލު ދޭން މި ޖެހެނީ. ރައްޔިތުންގެ އެއްވެސް ލާރިއެއް ޚަރަދުކުރަން ވާނީ ހަމަ ހަގީގަތުގައި ވެސް އެފަދަ ލާރިއެއް ހަރަދުކުރަން ޖެހޭ ހާލަތެއް ވުޖޫދު ވީމަ. ރޯ ގޯސްކޮށް، ގާނޫނީ ލަފާދީގެން ބައެއްގެ ހައްގުތަކަށް އަރައިގަތީމަ ދެން ނުބުނެވޭނެ ދެއްތޯ އެ މީހުންނަކަށް ގެއްލުމުގެ ބަދަލު ދޭކަށެއް ނުޖެހެއޭ،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްގު ހޯދުމަކީ ތަފާތު ކުރުމެއް ނެތި އެންމެންނަށް ހަމަހަމަކަމާ އެކު ހައްގު ހޯދައިދިނުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ސަރުކާރާ ގުޅުމެއް ނެތް މީހެއްގެ ހައްގެއް ގެއްލިފައި އޮންނަ ގޮތަށް، ސަރުކާރުގެ ވަޒީފާގައި އުޅޭ މީހެއްގެ ހައްގެއް ވެސް ގެއްލިފައި އޮވެދާނެ ކަމަށް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވި ގޮތުގައި އެންމެންނަށް ހައްގު ހޯދަން ކުރާ މަސައްކަތުގައި ދައުލަތުން ކޮށްފައިވާ ގޯސްތައް ވެސް ރަނގަޅު ކުރާނެ އެވެ.

"އާއްމު މީހަކު ކުރިއަސް ދައުލަތުން ކުރިއަސް، ގޯހެއް ވާނީ ގޯހަކަށް. އެކަމަށް އިއުތިރާފްވެ، ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. ދެރަވާން ޖެހޭ ކަމެއް ނޫން. އެއީ ކަން ރަނގަޅަށް ކުރަން ބޭނުންވާ ކަން އަންގައިދޭ ކަމެއް. އެ އިތުބާރު ގާއިމްކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.