ވަގަށް ނަގާފައިވާ ސައިކަލަކާ އެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލެއްގައި އުޅެނިކޮށް މާލޭން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގައި އުޅޭ ކަމަށް ޝައްކުވެގެން ހުއްޓުވި އިރު ސައިކަލްގެ ރަޖިސްޓްރީ ނަންބަރު ބޯޑާއި ރަޖިސްޓްރީ ދިމާނުވާތީ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ވަނީ ސައިކަލް ދުއްވަން އިން 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ސައިކަލް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ވަގަށް ނަގައިގެން ރިޕޯޓްކުރާ ސައިކަލް ހޯދަން ފުލުހުން މި ދުވަސްވަރު ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް ވަރަށް ގިނައިން އެދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ވައްކަން ކުރުން އިތުރުވެ އެވެ.