ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް މޫދު އަޑިން ފެނިއްޖެ

ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް މާލޭގެ ނޯތު ހާބާގެ މޫދު އަޑިން ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނި ގޮތުގައި އެ ސައިކަލު ފެނުނީ އެ ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ހޯދަން ރޭގެ ވަގުތެއްގައި މޫދަށް ފުންމާލި މީހަކަށެވެ.

މޫދު އަޑިން ފެނުނު އެ ސައިކަލަކީ މިދިޔަ އޭޕްރިލް މަހުގެ 16 ގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އަންނަނީ އެކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ބަލަމުން ކަމަށް ވެސް ބުންޏެވެ.

ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ވިއްކާލަން ފޭސްބުކްގައި ޖަހާފައި ވަނިކޮށް މިދިޔަ މަހު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ސައިކަލު ފެނުނީ 15،000ރ. އަށް ވިއްކާލަން ވެގެން އިއުލާނުކުރުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.