ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު މީހަކު ބަޔަކު ގަންހިންގަނިކޮށް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަންހިންގުވައި 19 އަހަރުގެ އެ ފިރިހެން މީހާ އަށް ބަޔަކު އަނިޔާކުރާ ކަމުގެ ރިޕޯޓެއް ރޭ ބަޔަކު ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް އެ ފިރިހެން މީހާ ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ތިނެއް ޖަހާކަން ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހަ އަހަރާއި އަށް އަހަރުގެ ފިރިހެން ދެ ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރެވެ.
ގަންހިންގުވުމަށް ފަހު ބަޔަކު ވަނީ ކުޑަ ދެ ކުދިންނާ ދޭތެރޭ އޭނާ ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ވީޑިއޯގައި ބުނެފައިވާ ގޮތުގައި އެ ދެ ކުދިންނާ ހަތަރު ދުވަހެއްގައި ބެހިފައި ވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ އަތުގައި ނިޔަފަތި އެޅިފައި ހުރި ކަމަށާއި އަދި ކަންނޭލަކުން އެއްފަހަރު ޖަހާފައިވާ ކަމަށް ބުންޏެވެ.