ވިހެއުމުގެ ޗުއްޓީގައި ތިބޭ މީހުންގެ ބަދަލުގައި ހަ މަހަށް މުވައްޒަފުން ހޯދަނީ

ސިވިލް ސާވެންޓުންނަށް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީއާ ހެދި، އެ މުއްދަތަށް ވަގުތީ މުވައްޒަފުން ނެގުމުގެ އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.


ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފައިވަނީ ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގައި، ވަގުތީ މުވައްޒަފުން ނަގަނީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

އެ އުސޫލުގައި ބުނެފައިވަނީ، ވިހެއުމުން ޗުއްޓީ ދިނުމުގެ ކުރިން، އެ މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ތާރީހުގެ ކުރިން އިތުރު މުވައްޒަފެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށެވެ. މުވައްޒަފުން ބޭނުންވާ މަގާމުގެ ބަދަލުގައި ވަގުތީ މަގާމެއް އުފެއްދުމަށް "ޓެމްޕޮރަރީ ޖޮބް ކްރިއޭޝަން ރިކުއެސްޓް" މެދުވެރިކޮށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ނުވަތަ ޒިންމާދާރު އިސްވެރިޔާގެ ހުއްދައާ އެކު ފޮނުވަންވާނެ ކަމަށް ބުންޏެވެ.

ޗުއްޓީ ދޭ މުވައްޒަފުގެ މަސައްކަތްތަކަކީ އެ ޑިވިޝަން/ސެކްޝަން ނުވަތަ ޔުނިޓް މުވައްޒަފުންގެ މެދުގައި ބަހާލައިގެން ކުރެވިދާނެ މަސައްކަތެއްތޯ ނުވަތަ އެހެން ޑިވިޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދެވިދާނެ މަސައްކަތެއްތޯ ވެސް ކަނޑައަޅަންޖެހެ އެވެ.

އެ މުއްދަތަށް މީހުން ނަގާނީ ވިހާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމާއެކު، އެހެން މުވައްޒަފެއްގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަށް، ވަގުތީ އެ މުވައްޒަފު އައްޔަންކުރެވޭނީ އަލުން އިއުލާނުކޮށް އާ އެއްބަސްވުމެއްގެ ދަށުންނެވެ.

ވިހެއުމުން މުސާރައާއެކު ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ މާޗު، 7، 2019ގަ އެވެ. އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.

ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ.