އަދާލަތު ޕާޓީގައި ރައީސަކު ނެތް ކަމަށް ބުނުމުން ހިތްހަމަނުޖެހިއްޖެ

އަދާލަތު ޕާޓީގައި މިވަގު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން އެ ޕާޓީން ހިތްހަމަނުޖެހިއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަގާމުން ވަކިވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ރައްދުދީ، އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ ރައީސަކު ހިޔާރުކުރުމުގެ ފުރިހަމަ ބާރު ލިބިގެން ވަނީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށެވެ. އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމްކުރުމަށް އަދާލަތުން ގޮވައިލި އެވެ.

ގާނޫނަށް ގެނައި އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވާ" ކަމަށެވެ.

މި އިސްލާހަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ މަގާމު ގެއްލުވާލަން ފާސްކުރި އިސްލާހެއް ކަމަށް އަދާލަތުން ވެސް ދެކެ އެވެ. މި އިސްލާހު އޮތަސް އަދާލަތު ޕާޓީގެ ރައީސަކީ އިމްރާން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރެއްވި އިމްރާން މިހާރު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އެ ތަން މަރާމާތުކުރުމަށެވެ.