އެކްސިޑެންޓެއްގައި ފިހާރައެއްގެ ތެރެއަށް ސައިކަލެއް ވަދެއްޖެ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިގެ ތެރެއަށް ސައިކަލެއް ވަދެއްޖެ އެވެ.


ފުލުހުން ބުނީ އުމުރުން 34 އަހަރުގެ އަންހެނަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވީ އޭގެ ކުރިމައްޗަށް އެރި ކުޑަ ކުއްޖެއްގެ ގައިން ނައްޓުވަން އުޅުމުގެ ތެރޭގައި ކަމަށެވެ. ބޮޑުރަސްގެފާނު މަގުގެ އިރުން ހުޅަނގަށް ސައިކަލް ދުއްވާފައި ދަނިކޮށް ހިނގި މި އެކްސިޑެންޓުގައި، އެ ދުއްވަން އިން މީހާ އަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ސައިކަލްގެ ފަހަތުގައި އިން އުމުރުން 10 އަހަރުގެ ކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ވުމާ އެކު، ސައިކަލް ދުއްވަން އިން އަންހެން މީހާ ހޭނެތުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެކަމަކު، އޭނާ ހޭނެތުނީ ލޭ ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސެއް ނެތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގައި މިރޭ ހިނގި އެހެން އެކްސިޑެންޓެއްގައި ދެ ސައިކަލެއް ޖެހުމުގެ ސަބަބުން ފިރިހެނަކަށް އަނިޔާ ވިއެވެ. ސެނަހިޔާ ކުރިމަތިން ބޮޑުތަކުރުފާނުމަގުގައި ހިނގި އެ އެކްސިޑެންޓުގައި، އެއް ސައިކަލް ދުއްވަން އިން މީހާގެ ފައިގެ ކަށިމަތިން ފުންކޮށް ކަފައިގެން ދިޔަ އެވެ. އޭނާ އަށް ވެސް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.