މާލޭގައި ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، މަޑުނުކޮށް ދިޔަ ކާރަކުން ޖެހި ބޮލަށް އަނިޔާވި އަންހެން މީހާގެ ހާލު ގޯސްވެ ވެންޓިލޭޓާގައި ފަރުވާ ދޭން ފަށައފި އެވެ.
އައިސީޔޫގައި ފަރުވާ ދެމުން އަންނަ އުމުރުން 46 އަހަރުގެ އެ އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި ބުނި ނަމަވެސް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ މީހާގެ ހާލު މިހާރު "ކްރިޓިކަލް" ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ހާލު ރަނގަޅުވަމުން އައިސް ކުއްލިއަކަށް ގޯސްވީ އިއްޔެ އެވެ. އެ މީހާ މިހާރު އޮތީ ހޭ ވެސް ނެތިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު މޫންލައިޓް ހިނގުމުގައި އެ އެކްސިޑެންޓުވެ އަންހެން މީހާ ވެއްޓި އޭނާގެ ބޯ ޖެހުނީ ސްޕީޑް ބްރޭކަރުގަ އެވެ. ބޯ ޖެހުމުގެ ސަބަބުން އަންހެން މީހާގެ ސިނކުޑިއަށް ލޭ އެޅިފައިވެ އެވެ.
އެ އެކްސިޑެންޓް ހިނގީ ކަފިހި ހުރަހުން ދެ އަންހެނަކު މަގު ހުރަސްކުރަނިކޮށެވެ. ދެން އަނިޔާވި އަންހެން މީހާގެ ކަނާތުފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.
އެ މައްސަލާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.