11 އެމްބިއުލާންސާއި 61 ރަށެއްގެ ޖިމް ސާމާނު ގަތުމަށް އިންޑިއާ އިން އެހީ ދީފި

ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް 11 އެމްބިއުލާންސް ގަތުމަށާއި 61 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ގަތުމަށް އިންޑިއާ އިން 15 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.


މި އެހީ ދިނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ މާޗް މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަމަޖައްސައިދޭން އެއްބަސްވެވަޑައިގަތް 100 މިލިއަން ރުފިޔާގެ ތެރެއިންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ސިއްހީ ޚިދުމަތް ކުރިއެރުވުމަށް އިންޑިއާ އިން 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާ ހަމަޖައްސައި ދިން ކަމަށެވެ. އެމްބިއުލާންސް ގަތުމަށް އެހީ ދިނީ، ފޮރިން މިނިސްޓްރީން ބުނިގޮތުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލައި ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދޭން މި ސަރުކާރުގެ ވައުދެކެވެ.

ރާއްޖޭގެ 61 ރަށެއްގެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާ އިން ހަމަޖައްސައިދިނީ އަށް މިލިއަން ރުފިޔާ އެވެ. ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކަސްރަތު ކުރެވޭނެ އިންތިޒާމް ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ އަމާޒަކީ ދުޅަހެޔޮ އާދަތައް އަށަގެންނެވުމުގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރަން އެހީވުމެވެ.

ރާއްޖެ އަށް އިންޑިއާ އިން ދޭން ނިންމި 100 މިލިއަން ރުފިޔާގެ ތެރެއިން މީގެ ކުރިން ވަނީ ތިން މަޝްރޫ އަކަށް 19 މިލިއަން ރުފިޔާ ހަމަޖައްސައިދީފަ އެވެ. އެއީ، ރ. ކިނޮޅަހާއި ނ. ޅޮހީގައި ކްލާސްރޫމް އިތުރުކޮށް، ހއ. އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ގާއިމްކުރުމަށެވެ. އަދި، އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރުމަށާއި ދ. ވާނީގައި ފުލުހުން ތަމްރީން ކުރުމަށް ހާއްސަ ކޮށްފައިވާ ޓްރެއިނިން ސްކޫލްގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް 14 މިލިއަން ރުފިޔާ ދިނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، ދެ ގައުމުގެ ގުޅުން ވަނީ ބަދަހިވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުވާކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.