މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ބައްޕާފުޅު ހުސައިން ޝަރީފު އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ ހުސައިން ޝަރީފު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. އޭގެ ކުރިން އޭނާ އަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެސް ފަރުވާ ދިނެވެ.
ހުސައިން ޝަރީފު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. މީގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތްކުރައްވައިފަ އެވެ. ހުސައިން ޝަރީފު އެންމެ ފަހުން އުޅުއްވީ ފޮރިން މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަން 2003 ން ފެށިގެން ކުރެއްވުމަށް ސަރުކާރުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުވުމުންނެވެ.
ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައި އިރު ހުސެއިން ޝަރީފް އެކަމުގައި އިސްކޮށް އުޅުއްވި އެވެ. އޭގެ ތެރޭގައި ބައެއް މުހިންމު މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ މުވާސަލާތީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1974 ން ފެށިގެންނެވެ.
ކުރީގެ ރޫސީ ވިލާތުން މަތީ ތައުލީމް ހާސިލްކުރެއްވި ހުސައިން ޝަރީފް ސަރުކާރުގެ އެކި މަގާމުތަކުގައި 36 އަހަރު ވަންދެން އުޅުއްވި އެވެ.
ހުސައިން ޝަރީފުގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އޭގެ ތެރެއިން އެންމެ ދޮށީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުންދު އެވެ. އޭގެ އިތުރުން އައިންތު ހުސެން ޝަރީފު ވެސް ވަނީ މިދިޔަ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.