ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް  ނެޝަނަލް ކޮންގްރެެސް (ޕީއެންސީ) ގެ ނައިބު ރައީސަކަށް ވާދަކުރައްވާނެކަން ޔޫތު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ  ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް އިއުލާނު ކުރައްވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ފުރަތަމަ ނިންމި ކޮންގްރެސް އެ އަށް ވުރެ އަވަސްކުރަން އެ ޕާޓީން ފަހުން ވަނީ ނިންމައިފަ އެވެ. 

ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުންދު އެ މަގާމަށް އަލުން ވާދަކުރައްވާކަން އިއުލާނު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކުރަން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެ މަގާމަށް ވާދަކުރައްވަނީ ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކުރެއްވި އިތުބާރާ އެކު އިންތިހާބު ކޮށްފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވިކަން މުންދުގެ މަންމަ އަސްމާ އާއި ރައީސް މުއިއްޒުގެ ކޮއްކޯފުޅު ސައުދާ އަދި ރާފިއު ސޯޝަލް މީޑިއާގައި އިއުލާނު ކުރެއްވި ނަމަވެސް މަގުސަދާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޕީއެންސީގައި ޖުމްލަ ހަތް ނައިބު ރައީސުން ތިއްބަވާއިރު އެ ޕާޓީ ވެރިކަމުގައި އޮންނަ އިރު އޭގެ ތެރެއިން އެއް މަގާމަކީ ރާއްޖޭގެ ނައިބު ރައީސަށް ހާއްސަކުރާ މަގާމެކެވެ. އެހެންވެ، އެ މަގާމަށް އޮޓަމެޓިކުން ވަޑައިގަންނަވާނީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.