މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި

މާލޭގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި އެވެ.


ފުލުހުން ބުނީ މިއަދު ހަވީރު 4:15 އެހާކަށް ހާއިރު ޝަހީދު އަލީ ހިނގުމުގައި މާރާމާރީ ހިންގީ ތިން މީހެއް ކަމަށާއި އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް ހަމަލާ ދިނީ މީގެ ތެރެއިން އެކަކެވެ.

މާރާމާރީ ހިންގި މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.

މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ވެސް ތިބީ މަސްތުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާރާމާރީ އާއި ފޭރުން އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް އިތުރުވެފައި ވާއިރު ކުށް މަދުކުރަން ފުލުހުން ކުރާ މަސައްކަތް ވެސް ވަނީ އިތުރުކޮށްފަ އެވެ.