ހައްޖާ ގުޅޭ ކަންކަމުގައި އޭސީސީން އަންގާ ގޮތަކަށް ފިޔަވަޅު އަޅާނަން: މިނިސްޓްރީ

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިހާރު ކުރިއަށް ގެންދާ ތަހުގީގު ނިންމައި އަންގާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ހޮވުމުގައި އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފަ އެވެ. ހައްޖު އުސޫލުގައި އޮންނަނީ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބާތިލް ކުރުމަށެވެ. ނަމަވެސް ލިޔުންތައް ފުރިހަމަނުކުރާ ދެ ކުންފުންޏެއްގެ ޕްރޮޕޯސަލްތައް ބާތިލް ނުކޮށް، އެ ދެ ކުންފުނި އިވެލުއޭޝަންގައި ބައިވެރިކޮށްފައިވާ މައްސަލަ އޭސީސީން ވަނީ ފެންމަތިކޮށްފަ އެވެ.

މީގެ އިތުރުން، ޕޮއިންޓް ދޭ މިންގަނޑެއް އޮތަސް އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން މާކްސް ދީފައިވާ މައްސަލަ ހިމެނެ އެވެ. މިއީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މި މައްސަލަތައް އިތުރަށް ބެލުމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ދިނީ ހަ ކުންފުންޏަކަށެވެ.

އޭސީސީން ފާހަގަކުރި މައްސަލަތަކާ ގުޅިގެން، ހައްޖަށް ގެންދާނެ ކުންފުނިތައް ހޮވަން އަލުން ހުޅުވާލާނީތޯ "މިހާރު" ން ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، އޭސީސީގެ ތަހުގީގު އަދި ނުނިމޭ ކަމަށެވެ. ތުހުމަތު ކުރެވޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ލިޔުމުގައި ވެސް ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި މިނިސްޓްރީން ފިޔަވަޅު އަޅާނީ ތަހުގީގަށް ފަހު އޭސީސީން އަންގާ ގޮތަކަށެވެ.

"މައްސަލައެއް އުޅޭ ނަމަ އެކަމެއް އިސްލާހު ކުރާނެ، އޭސީސީން އެކަންކަން ފާހަގަކޮށްދެއްވައިފިއްޔާ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ނުކުރާތީ ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ހޮވުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފެށިއިރު، ހައްޖު އުސޫލު މިހާރު އޮތް ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންކަން ހުރި ކަމަށް އެ ކޮމިޝަނުން އޮތީ އިސްލާމިކް މިނިސްޓްރީ އަށް ކުރިން އަންގައިފަ އެވެ. އަދި އެކަންކަން އިސްލާހު ކުރަން ވެސް އޮތީ ލަފާ ދީފަ އެވެ.

އެ ރިޕޯޓުގައި އޭސީސީން ބުނެފައި ވަނީ ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ޕްރީ-ބިޑް މީޓިންގައި މައުލޫމާތު ދީފައިވާ މިންގަނޑާ ޚިލާފަށް އަމަލުކުރާ ކަމަށެެވެ. އެއާ އެކު، ވަކިވަކި ބައިތަކަށް މާކްސް ދޭނެ ގޮތް ނިންމުމަށް ކޮމިޓީ އަށް އިޚްތިޔާރު ދީފައި އޮތުމުން ބިޑްކުރުމުގެ ވާދަވެރިކަން ގެއްލި ބިޑް އެވޯޑްކޮށް ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.