ސައީދުގެ ބަދަލުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް އާ ޕީއެސްއެއް

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގައި ހުންނެވި މުހަންމަދު ސައީދު އެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމަށް އާ ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.


މި މަގާމަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ފުރުއްވި އަހުމަދު އަލީ އެވެ. އެ މަގާމު އޭނާއާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓް

އެޑިއުކޭޝަން މިނިސްޓްރީން އާ ޕީއެސްއެއް އެ އައްޔަނު ކުރީ، އެ މަގާމަށް އައްޔަނުކުރައްވާފައި ހުރި މުހައްމަދު ސައީދު މިދިޔަ އޭޕްރިލް މަހު ވަކިކުރުމަށް ފަހު އެވެ.

މައިގަނޑު ތިން ތުހުމަތެއްގައި ވަޒީފާއިން ވަކި ކުރި ސައީދު ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އޭނާ މަގާމުން ވަކި ކުރީ އަދުލު އިންސާފުގެ އަސާސީ ހަމަތަކާ ޚިލާފަށް ކަން ފާހަގަކުރައްވާ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ސައީދު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.