މިދިޔަ އެޕްރީލް މަހު ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" އެންމެ ގިނައިން ތިއޭޓަރުގައި ބެލި މީހާގެ ރެކޯޑް ހަދަން އެމެރިކާގެ ޒުވާނަކު މަސައްކަތް ފަށައިފި އެވެ.
މާވެލްގެ ސުޕަހީރޯ ބައިގަނޑު އެއްކޮށް ގެނެސްދިން "އެވެންޖާޒް" ސީރީޒްގެ ފަހު ފިލްމު އެޕްރީލް 26 ގައި ރިލީޒްކުރި ފަހުން، ފްލޮރިޑާގައި ދިރިއުޅޭ އަގަސްޓިން އެލާނިސް މިހާތަނަށް ވަނީ 114 ފަހަރު ފިލްމު ތިއޭޓަރުގައި ބަލައިފަ އެވެ. ތިން ގަޑިއިރާއި ދެ މިނިޓްގެ ފިލްމު އެންމެ ފަހުން އޭނާ ބެލީ މިދިޔަ ބުދަ ދުވަހު އެވެ.
މި މިޝަންއާ ބެހޭ ގޮތުން އަގަސްޓިން ސީއެންއެން އަށް ބުނީ ދުނިޔޭގެ ރެކޯޑް ފޮތުން އޭނަ ޖާގައެއް ކަށަވަރުކުރަން ކުރާ މަސައްކަތް ހުއްޓައި ނުލާނެ އެވެ.
"ތިން ގަޑިއިރަށް ވުރެ ދިގު ފިލްމެއް ބަލަން އިނުމަކީ ވެސް ފަސޭހަ ކަމެއް ނޫން. އަނެއްކާ ބެލި އެއްޗެއް އެތައް ފަހަރަކު ބެލުމަކުން އަހަރެންގެ ޝައުގުވެރިކަމަކަށް އެއްވެސް ބަދަލެއް އަދި އެއްވެސް ފޫހި ކަމެއް ވެސް ނާދޭ،" ބައެއް ހަފުތާ ބަންދުތަކުގެ ދުވަސްތަކުގައި އެއް ފަހަރަށް ވުރެ ގިނައިން ވެސް ފިލްމު ބަލާފައި ވާނެކަން ފާހަގަކޮށް އަގަސްޓިން ބުންޏެވެ.
އޭނާ މިހާތަނަށް 114 ފަހަރު "އެވެންޖާޒް: އެންޑްގޭމް" ބަލައިފައިވާތީ މިހާރު ވެސް ވަނީ ރެކޯޑް ހަދައިފައޭ ބުނެވިދާނެ އެވެ. ސަބަބަކީ ތިއޭޓަރުގައި އެންމެ ގިނަ ފަހަރަށް އެއް ފިލްމެއް ބެލި މީހާގެ ރަސްމީ ރެކޯޑް އޮތް އެންތަނީ މިޝެލްގެ ރިކޯޑް، އަގަސްޓިން ފަހަނައަޅައި ދިއުމެވެ.
އެންތަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް" ގެ ތިން ވަނަ ފިލްމު "އިންފިނިޓީ ވޯ" 103 ފަހަރު ބަލައިގެންނެވެ. އެއީ ނޯތު ކެރޮލައިނާގަ އެވެ.
އަގަސްޓިންގެ ނަން ރެކޯޑް ފޮތަށް އަރަންދެން "އެންޑްގޭމް" ބެލުން ހުއްޓުމެއް ނެތެވެ. އަދި އޭނާ އަންނަނީ ފިލްމަށްދާ ހުރިހާ ޝޯއަކާ ބެހޭ ހުރިހާ މައުލޫމާތެއް ޓްވިޓާގައި ޑޮކިއުމަންޓް ވެސް ކުރަމުންނެވެ.
"އަހަރެން މިހާރު ވެސް ގިނިސް ވޯލްޑް ރިކޯޑަށް ޑޮކިއުމަންޓްތައް ފޮނުވައިފިން. އެކަމަކު އަދި އެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބޭ. އެތަނުގެ ބަހެއް ލިބެންދެން ފިލްމުން ބެލުމަށް ހުއްޓުމެއް ނާންނާނެ. އޭގެ މާނައަކީ ފަހަރުގައި 200 އާ ހަމައަށް ވެސް އަހަރެން އެންޑްގޭމް ބެލި އަދަދު އަރާފާނޭ،" އޭނާ ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީންކަން އެބަ އޮތް އެންތަނީގެ ރެކޯޑް ވައްޓާލެވޭނެކަން. އެކަމަށް މިހާރު ބޭނުން ވަނީ ގިނިސްގެ އެޕްރޫވަލް."
ފިލްމަށް އޭނާ ވަގުތު ހުސް ކުރަނީ އާއިލާގެ ކޮންސްޓްރަކްޝަން މަސައްކަތުގައި އަދާކުރާ ސުޕަވައިޒަރެއްގެ ވަޒީފާ އަށް ވެސް ބުރޫ ނާރާ ގޮތަށެވެ.
"އެންޑްގޭމް ރިލީޒް ކުރި ހަފުތާ ބަންދުގައި އެކަނި ވެސް އަހަރެން ފަސް ފަހަރު ފިލްމު ބެލިން. އަހަންނަށް ވަރަށް މޮޅު އެ ފިލްމު،" އޮގަސްޓިން ބުންޏެވެ.
މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް "އެވެޓާ" އާ ވަރަށް ގާތް ކުރާ އާމްދަނީއެއް "އެވެންޖާޒް: އެންޑްގޭމް" މިހާރު ވަނީ ހޯދައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އެ ފިލްމަށް ވަނީ ޖުމްލަ 2.234 ބިލިއަން ޑޮލަރު ހޯދައިފަ އެވެ. ދެހާސް ނުވައެއްގައި ރިލީޒް ކުރި ޖޭމްސް ކެމެރެންގެ "އެވެޓާ" ގެ އާމްދަނީއަކީ 2.788 ބިލިއަން ޑޮލަރެވެ.