ހާޖަރާގޭ ލުތުފީގެ މައްސަލާގައި ހޯމް މިނިސްޓަރާ ސުވާލުކުރަނީ

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާ އިން ކުލީ ސިފައިންގެ ބަޔަކު ގެނައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.


ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްފައި ވަނިކޮށް ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.

ލުތުފީއާ ބެހޭ ގޮތުން މަޖިލީހުގައި ސުވާލުކުރަން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާ އަށް އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ހޯމް މިނިސްޓަރާ ކުރަންް ހުށަހަޅާފައި ވަނީ މައިގަނޑު ދެ ސުވާލެކެވެ. އެއީ ލުތުފީ އަނބުރާ ރާއްޖެ އަށް ގެންނަން އެއްވެސް މަސައްކަތް ކުރޭތޯ އާއި މިހާރު ހުރި ތަނެއް ސަރުކާރަށް އެނގޭތޯ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވީ ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހެކެވެ.

ލުތުފީއާ އެކު އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަންވެފަ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރެވެ.

.