ރާއްޖޭގައި އެމެރިކަން ސެންޓަރުގެ ޚިދުމަތްތައް ކުރިއަށް ގެންދަން ސޮއިކޮށްފި

ރާއްޖޭގައި މިހާރު ވެސް ހިންގާ އެމެރިކަން ސެންޓަރުގެ ޚިދުމަތްތައް ކުރިމަގުގައި ވެސް އެގޮތަށް ކުރިއަށް ގެންދަން އެމެރިކާ ސަރުކާރާ އެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.


މި އެމްއޯޔޫގައި ސޮއިކުރުން އޮތީ، ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ ކަންކަން ބޭރުގެ ފަރާތްތައް އަންގައި ދިނުމަށް ކުރުނބާ މޯލްޑިވްސް ގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމެރިކާ ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޓެލްޕިޒް އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެމްއޯޔޫއާ އެކު، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ސަގާފީ ގުޅުން ވެސް މިހާރަށް ވުރެ ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރިން ކުރި ޓްވީޓު

މީގެ އިތުރުން، ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެފައިވާ ޑިވެލޮޕްމެންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމެންޓް (ޑީއޯޖީއޭ) އަށް އިސްލާހެއް ގެނެސް، އެ އެއްބަސްވުމުގައި ވެސް ދެ ގައުމުގެ ފަރާތުން މިއަދު ސޮއިކުރި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ސޮއިކުރެއްވި އިރު އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެސް އެއިޑްގެ ޑިރެކްޓަރު ރީޑް އައެޝްލިމަން އެވެ.

މި އިސްލާހާ އެކު، ރާއްޖޭގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަށް އެމެރިކާގެ ފަރާތުން އަށް މިލިއަން ޑޮލަރު އިތުރަށް ދޭން ހަމަޖައްސާފައި ވެ އެވެ. މި އަހަރުގެ މިހާތަނަށް އެމެރިކާ އިން ރާއްޖެ އަށް 22 މިލިއަން ޑޮލަރުގެ އެހީ ދީފައި ވެ އެވެ.

ރާއްޖެ އާއި ޖޯޖިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރަން ވެސް ފޮރިން މިނިސްޓަރު ޝާހިދު މިއަދު އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ.