ކުޅުދުއްފުށީގެ ދެބަފައިން އެއް ކްލާހެއްގައި ކިޔަވައި، އެކުގައި ގްރެޖުއޭޓްވެއްޖެ

ހދ. ކުޅުދުއްފުށީގެ ދެބަފައިން އެއް ކްލާހެއްގައި ޑިގްރީއަށް ކިޔަވައި އެކުގައި ގްރެޖުއޭޓްވެއްޖެ އެވެ.


ގުރުއާނާބެހޭ މަރުކަޒުން ހިންގި ކޯހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގްރެޖުއޭޓްވީ ގުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އާދަމް ހުސެއިން، 58، އަދި އޭނާގެ ފިރިހެން ދަރިފުޅު މުހައްމަދު އާދަމް، 29، އެވެ.

އާދަމް ކިޔަވައިދެނީ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑު ހަޔަކަށެވެ. މުހައްމަދު މަސައްކަތްކުރަނީ އަފީފުއްދީން ސްކޫލުގަ އެވެ.

"މިހާރު"އާ ވާހަކަދައްކަމުން އާދަމް ބުނީ ދަރިފުޅާ އެކުގައި ކިޔެވުން ވަރަށް ފަސޭހަ ކަމަށެވެ. އެކަމުގެ ސަބަބުން ކިޔެވުމުގައި އެކަކު އަނެކެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ބުންޏެވެ.

"ވަރަށް އުފާވި ދަރިފުޅާ ދެމީހުން އެކީގައި ކިޔަވައި އެއްކޮށް ދަސްވެނިވުނީމަ. ދެމީހުންގެ އެހީއާއެކު ކިޔެވުން ނިންމާލެވިފައިވަނީ،" އޭނާ ބުންޏެވެ.

އާދަމް ވަނީ 1988 ވަނަ އަހަރު މައުހަދުން އިމާމް ކޯހެއް ފުރިހަމަކޮށްފަ އެވެ. އޭގެ ފަހުން ތިން އަހަރުގެ ގާރީ ކޯހެއް ފުރިހަމަކުރުމަށް ފަހު މައުހަދުގައި ގުރުއާން ޓީޗަރަކަށް މަސައްކަތްކުރި އެވެ. ކުޅުދުއްފުއްޓަށް ބަދަލުވީ 1994 ވަނަ އަހަރު ރަށު ސްކޫލުން ވަޒީފާ ލިބުމުންނެވެ. އޭރުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަނީ އެތަނުގަ އެވެ.

އަރަބިއްޔާ އާއި މައުހަދުގައި އުޅުމަށްފަހު ގްރޭޑު 8،7 އަދި 9 އަށް ކިޔަވައިދޭ މުހައްމަދު ވަނީ ގުރުއާނާ ބެހޭ މަރުކަޒުން ޑިޕްލޮމާ ހާސިލްކޮށްފަ އެވެ. އެއަށްފަހު އަފީފުއްދީން ސްކޫލުގައި ކިޔަވައިދޭތާ ފަސް ވަރަކަށް އަހަރުވީ އެވެ.

އެ ދެބަފައިން ވެސް ރަށުގައި ވަޒީފާ އަދާކުރާއިރު އެ ރަށުގައި ހުންނަ ހުންނަ ޓީޗާސް ރިސޯސް ސެންޓަރު (ޓީއާރުސީ) ގައި ހަފުތާ އަކު ފަސް ދުވަހު ކިޔަވާނެ އެވެ. އަދި މަހަކު އެއްފަހަރު މާލެ އައިސް ގުރުއާނާ ބެހޭ މަރުކަޒުން ވެސް ކިޔަވާނެ އެވެ.

އެހެން ދާއިރާތަކާ ބަލާއިރު ގުރުއާން ކޯސް އުނދަގޫކަން ދެބަފައިން ފާހަގަކުރި އެވެ. އެއީ ގުރުއާނާއި އޭގެ ތަރުޖަމާ ހިތުދަސްކުރަންޖެހުމުގެ ސަބަބުންނެވެ. ނަމަވެސް ކިޔަވަން ހުންނަ ޝައުގާއި އާއިލާގެ ބޮޑު އެހީއާއެކު ދެބަފައިން ވަނީ އެކަން ހާސިލްކޮށްފަ އެވެ.