ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ގްރީން ކްލައިމެޓް ފަންޑުގެ (ޖީސީއެފް) ހިލޭ އެހީގައި ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑާ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުުކުރީ މިދިޔަ ނޮވެމްބަރު މަހު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫއަށް 31,846,106.82ރ. ގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.
މި މަޝްރޫއުގެ ދަށުން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ގޭބިސީތަކަށާއި އެހެން އިމާރާތްތަކަށް ފެން މީޓަރު ގުޅައިދޭނެ އެވެ. އަދި ފެން ރައްކާކުރާނެ ޓޭންކާއި ފެން ސާފުކުރާނެ ޕްލާންޓަކާއި އެ ތަން ހިންގަން ބޭނުންވާނެ ލެބޯޓަރީ އާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާނެ އޮފީސް ވެސް އެ ކުންފުނިން އެ ރަށުގައި އަޅާނެ އެވެ.
ޖީސީއެފްގެ ހިލޭ އެހީގައި ބ. ދަރަވަންދޫ، ރ. މަޑުއްވަރީ، އަދި ށ. ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން ހިމެނޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ 25 ރަށެއްގައި ވާރޭ ފެން ރައްކާކުރާނެ ވަސީލަތްތައް ގާއިމުކޮށް ފެނުގެ ހިދުމަތް ތަރައްގީކުރަން ޖީސީއެފް އިން 23,636,364 ޑޮލަރު (366،363،642 ރުފިޔާ) ދިވެހި ސަރުކާރަށް 2017 ގައި ދީފައިވެ އެވެ.