ބިން ހިއްކަން ހުއްދަ ދެނީ ފެހިކުރާނެ ގޮތް ވެސް ބެލުމަށް ފަހު: އީޕީއޭ

ރާއްޖޭގައި ބިންހިއްކުމުގެ ހުއްދަ މިހާރު ދެނީ އެތަނެއް ފެހިކުރާނެ އެކަށީގެންވާ ގޮތްތަކެއް ވެސް ހުށަހެޅުމުން ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ބުނެފި އެވެ.


ފަޅު ހިއްކައިގެން ރާއްޖޭގައި ހަދާ ރިސޯޓްތައް ފެހިކުރަން ރަށްރަށުން ރުއްގަސް ނަގާ މައްސަލައާ ބެހޭ ގޮތުން އީޕީއޭގެ ވެރިން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ހާޒިރުކުރުމުން، ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ މިހާރު ރާއްޖޭގެ ތަނެއް ހިއްކާ ނަމަ އެކަމެއް ކުރަން ހުއްދަ ދެނީ އެތަން ފެހިކުރާނެ ރަނގަޅު ޕްލޭނެއް ވެސް ހުށައެޅުމުން ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ފެހިކުރާނެ ޕްލޭންތައް އޮތްތޯ އަޅުގަނޑުމެން ބަލާނެ ވަރަށް ބޮޑު އަހުއްމިއްޔަތެއް ދީގެން،" މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ނައީމް ވިދާޅުވީ ބިން ހިއްކުމަކީ އެއްގޮތަކަށް ވެސް ކުރަން ވާވަރުގެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތައް ލިބޭ ކަމަށާއި ރާއްޖޭގައި ރީތި ފަޅުރަށްތައް ހުރިއިރު އެތަންތަނުގައި ރިސޯޓްތައް ތަރައްގީ ކުރުން މާ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީޕީއޭގެ ވެރިން މަޖިލީހުގެ ކޮމިޓީގައި: ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ނައީމް ވިދާޅުވީ ރުއްގަސް ނެގުމުގެ މައްސަލަތައް ކުރިއަށް ވުރެ ބޮޑަށް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ހުއްދަ ލިބިގެންނާއި ނުލިބި، އަދި ލިބިފައިވާ ހުއްދައިގެ ތެރެއިން އެއަށް ވުރެ އިތުރަށް ވެސް ރުއްގަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ރުއްގަސް ނެގި ފަރާތްތަކަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ. އެގޮތުން ދެ ރަށެއްގެ ކައުންސިލާއި މިނިސްޓްރީއެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެތަންތަނުގެ ނަންތަކެއް ހާމައެއްނުކުރައްވަ އެވެ.

"ރުއްގަސް އެއްވެސް ތާކުން ގަވައިދާ ހިލާފަށް ގެންދާކަމުގެ އެއްވެސް އިޝާރާތެއް ޓްވިޓާއިން ވިޔަސް ފޯނުން ވިޔަސް ނުވަތަ ފޮޓޯއަކުން ވެސް ލިބިއްޖެއްޔާ އެޔަށް ހަމަ ވަގުތުން އެޓެންޑްކޮށް ވާނުވާ ބަލާ އެކަންކަން ކުރަމުން މިގެންދަނީ،" ނައީމް ވިދާޅުވި އެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ނައީމް ވިދާޅުވީ ރުއްގަސް ނަގަން އެދުނު ފަރާތްތަކުގެ ތެރެއިން 27 ފަރާތެއްގެ ހުށަހެޅުން ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުއްދަ ދިނީ 10 ފަރާތަކަށް ކަމަށާއި އެއީ ވެސް "ޒަރޫރީ ބޭނުމަކަށް" ނަގަން ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަރޫރީ ބޭނުންތައް ކަމަށް އަޅުގަނޑުމެން މިބަލަނީ މީހުން އުޅޭ ސަރަހައްދުން މަގެއް ހެދުން. އެހެން ނޫނީ މިސްކިތެއް އެޅުން. ނޫނީ ފުޓްބޯޅަ ދަނޑެއް ކަހަލަ ތަނެއް ހެދުން. އަދި އެކަމެއް ކުރަން ބޭނުންވާ ފައިސާ ލިބިފައިވޭތޯ ވެސް ބަލަން،" ނައީމް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ރުއްގަސް ނަގަން ހުއްދަ ދޭއިރު ނަގާ ރުއްގަހުގެ ބަދަލުގައި ރުއްގަސް އިންދަން އެންގި ނަމަވެސް އެގޮތަށް އަމަލެއްނުކުރެ އެވެ. އީޕީއޭ އިން ދެން ކުރާ ކަމަކީ އަލުން ރުއް އިންދަން ހަނދާން ކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަދަމުން އަންނަ ރިސޯޓަކަށް ގެންދަން ރުއްގަސް ނެގުމުން ރަށެއްގެ ވަލުތެރޭގެ ހާމަކަން ބޮޑުވެފައި

ރުއްގަސް ނަގައިގެން ގެންދާއިރު ކަޅު ފަސް ގެންދާ މައްސަލައިގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކުރެއްވި އެވެ. އެކަމަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރަށްތަކުގެ މަތީ ކަޅުފަސް ފަށަލަ ހުންނަނީ އެއް ފޫޓަށް ކަމުން އެ ފަސްކޮޅު ގެންދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"މީގައި ފާހަގަކުރެވިފައި މިހިރީ ރުއްގަސް ގެންދާއިރު އެ ރުއްގަހުގެ ބުޑާ އެކު ވަރަށް ގިނަ ކަޅުފަސް އެބަ ގެންދޭ. އަލަށް ހަދާ ގަވައިދަށް އަމަލު ކުރާއިރު އެއް ތަނުން އަނެއް ތަނަށް ގެންދާ ރުއްގަސް ހުންނަން ޖެހޭނީ އޭގެ ރޫޓްބޯލް ކުޑަކުރެވި، އޭގެ ބުޑާ އެކު ހުންނަ ފަހަކާ ހުރިހާ އެއްޗަކާ އެކީއެއް ނޫން ގެންދެވޭނީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަން ގިނަ ނަމަވެސް މޮނީޓަކުރުމުގައި ދިމާވާ ގޮންޖެހުންތައް އެބަ ހުއްޓެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ރިޕޯޓެއް ލިބުނަސް ބަޖެޓްގެ ދަތިކަމާ ހެދި، އެތަނަކަށް ނުދެވޭ މައްސަލަ އެވެ

"އަޅުގަނޑުމެން އަތުގައި އުޅަނދެއް ވެސް މިހާރަކު ނެތް. ތަންކޮޅެއް ކުރިން އަޅުގަނޑުމެން އަތުގައި އޮތް އުޅަނދެއް ވެސް. ބަޖެޓުގެ ގޮތުން ބަލާއިރު މުސާރަ ދީފައި އޮފީސް ހިންގާފައި ޕްރޮގްރާމްތައް ހިންގަން މި ލިބެނީ ދެ ލައްކަ ރުފިޔާ، ތިން ލައްކަ ރުފިޔާ. ދެ ދަތުރެއް ކޮށްލާއިރަށް އެ އޮންނަނީ ނިމިފައި،" ނައީމް ވިދާޅުވި އެވެ.

"ވަރަށް ދަތި ހާލުގައި އަޅުގަނޑުމެން މިތިބީ. ރާއްޖޭގެ މިއޮތް ހުރިހާ ރަށްތަކާއި ސަރަހައްދުތައް ރައްޔިތުން ބޭނުންވާ ވަރަށް ބަލަން މޮނީޓާ ކުރުމަށް ވަރަށް ބޮޑު ގޮންޖެހުމެއް އެއީ އަޅުގަނޑުމެންނަށް."

އީޕީއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި މޮނީޓާކުރަން ބޭނުންވާ ވަސީލަތްތަކާއި ފައިސާ ހަމަޖެހެން ޖެހޭ ކަމަށް ނައީމް ވިދާޅުވި އެވެ.