ހިޔާ މަޝްރޫއުގެ ފްލެޓެއްްގެ އަގު 82،000 ޑޮލަރަށް އަރާ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ގެނައި ބަދަލުތަކާ އެކު އެ މަޝްރޫއަށް ޖުމްލަ އަގު 434 މިލިޔަން ޑޮލަރަށް އަރާ ކަމަށާއި އެހެންވެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 82،496 ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މިއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އާއްމު އަގުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑު އަގެއް ކަމަށާއި އަގު ކުޑަ ކުރަން ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެހެން ކޮސްޓިންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ޓޫ ބެޑްރޫމްގެ އެޕާޓްމަންޓަކަށް 82,000 ޑޮލަރު ]ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ[ އަކީ ބޮޑު އަގެއް ކަމަށް. އެހެންކަމުން އާއްމުންނަށް މި އަގުގައި ކޮންޓްރެކްޓް ކުރެވިފައި އޮތް ޕްރޮޖެކްޓެއް އަންދާޒާ ކުރެވުނު ވަރަށް ވުރެ އަގު ބޮޑުވާނެ ކަަމަށް ލަފާ ކުރެވޭ. އެހެންވީމާ އެކަމާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރެވެމުން ދޭ،" އޭނާ ވިދާޅުވި އެެވެ.

މަޝްރޫއަށް އެވަރަށް ހަރަދު ކުރަން ޖެހުމުން ފްލެޓް ލިބޭ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ ވަރު 11000 ރުފިޔާ އަށް އަރާނެ ކަމަށާއި އެހެން ނަމަވެސް އާއްމުންނަށް ފްލެޓް ދޫކުރާނެ އަގުތައް އަދި މުޅިން ނުނިންމާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެތެރޭގެ ދޮރުތައް ނުލައި އެޕާޓްމަންޓަކަށް ޖެހޭނެ ކަމަށް އަންދާޒާ ކުރަނީ 62،000 ޑޮލަރެވެ.

އާތިފް ވިދާޅުވީ އަގު ބޮޑުވީ ކޮންޓްރެކްޓް ފުރަތަމަ ހަވާލު ކުރި އިރު ހިމެނިފައި ނުވާ ފިނިޝިންގެ މަސައްކަތްތައް ފަހުން ހިމެނުމުން ކަމަށެވެ.

ފްލެޓް ލިބޭ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ ވަރު ކުޑަ ކުރެވޭނީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ސަބްސިޑީއެއް ދީގެންނެވެ.

ހިޔާ މަޝްރޫއުގެ އިމާރާތްތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ފްލެޓްގެ އަދަދު ވެސް ވަނީ 6،860 އަށް މަދުވެފަ އެވެ. އެއީ އެ އިމާރާތްތަކުގެ ތިރިން ބައެއް ބައިތައް ވިޔަފާރީގެ ބޭނުމަށް ހާއްސަ ކުރުމުންނެވެ. ނޫސް ކޮންފަރެންސްގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބައެއް ތަންތަން ހާއްސަ ކުރިޔަސް ފްލެޓެއްގެ އަގަށް ބަދަލު އަންނަ ވަރުގެ އާމްދަނީއެއް އެތަންތަނަކުން ނުލިބޭނެ ކަމަށެވެ.

މަޝްރޫއު ނިންމަން އަދި ކިހާ ދުވަހެއް ހޭދަވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސުހައިލް ވިދާވީ އަދި އިތުރު ތިންމަސް ދުވަސް ވަރު ހޭދަވާނެ ކަމަށެވެ.

"އެހެންވީމާ އަންނަ އަހަރުގެ ފެބްރުއަރީ މާޗް ހިސާބުގައި ޕްރޮޖެކްޓް މުޅިން ނިމޭ ވަރު ވާނީ،" އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ފަރުމާކޮށްފައިވާ ގޮތުން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން 25 ބުރީގެ އިމާރާތްތަކުގައި ހުންނަނީ އެންމެ ހަތަރު ލިފްޓް ކަމަށް ވާތީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަން ސުހައިލް މިއަދު ވެސް ފާހަގަ ކުރެއްވި އެވެ. އެކަމަކު އެތަންތަނަށް އޭނާ ވިދާޅުވި ގޮތުގައި ލިފްޓް އިތުރު ކުރެވޭނެ ގޮތެއް ނެތެވެ.