އިމާރާތް ބާ ނަމަ ރިޕޯޓު ކުރޭ، ފިޔަވަޅު އަޅާނަން: މިނިސްޓްރީ

އިމާރާތް ބާވެގެން، ނުވަތަ ނުރައްކާތެރި ގޮތަކަށް ހުރި ނަމަ އެކަން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ. އެތަނުން ބުނިގޮތުގައި ރިޕޯޓު ކުރުމުން އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ އެވެ.


ޕްލޭނިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިމާރާތްތައް ބާވުމުގެ ސަބަބުން މާލޭގައި ފަހަކަށް އައިސް ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި އެކަން މަދުކުރުމަށް އެ މިނިސްޓްރީ އާއި ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގެއެއްގެ ދެ ވަނަ ބުރީގެ ބެލްކަނީން ބައެއް މަގު މައްޗަށް ވެއްޓި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

ޕްލޭނިން އިން ބުނީ މި ފަދަ ހާދިސާއެއް މެދުވެރިވާ ފަދަ ހާލަތެއްގައި އެއްވެސް އިމާރާތެއް ނުވަތަ ތަނެއް ހުރިކަމަށް ފާހަގަ ވެއްޖެ ނަމަ، އެކަން މިނިސްޓްރީ އަށް އެންގުމަށެވެ. މިނިސްޓްރީ އަށް ރިޕޯޓު ކުރާނަމަ ސިޓީ ނުވަތަ އީމެއިލް ނުވަތަ މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެންގުމަށް އެދިފައި ވެ އެވެ. އަދި ސިޓީ ކައުންސިލަށް ރިޕޯޓު ކުރުމުގައި ވެސް އެ ކައުންސިލުން ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމަށް ބުނެފައި ވެ އެވެ.

ރިޕޯޓު ކުރާއިރު، ތަނުގެ ފޮޓޯއެއް ފޮނުވަން ޖެހޭނެ ކަމަށް ޕްލޭނިން އިން ބުންޏެވެ.

ނުރައްކާތެރި ގޮތަކަށް ހުރި ތަނެއްގެ ގޮތުގައި ބަލަނީ

- އިމާރާތެއް ނުވަތަ ތަނެއް ގިނަ ދުވަސްވެ ބާވުމުން

- އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން

- އިމާރާތް ކުރުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުން

- ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން

- ދިމާވާ ހާދިސާއެއްގެ ސަބަބުން

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އިމާރާތާ ގުޅޭ މައްސަލަ ރިޕޯޓު ކުރުމުން، އެތަނަކީ ރައްކާތެރި ތަނެއްތޯ ނުވަތަ ނޫންތޯ މިނިސްޓްރީން ބަލައި ކަނޑައަޅާނެ އެވެ. އަދި ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އޭގެ ސަބަބުތައް ކިޔައިދީ އެކަންކަން ރަނގަޅު ކުރުމަށާއި އެ ތަން ބޭނުން ނުކުރުމަށް އިމާރާތުގެ ވެރިފަރާތަށް އަންގާނެ ކަމަށް ބުންޏެވެ. އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ބޯޑެއް ހަރުކުރާނެ ކަމަށް ވެސް ބުންޏެވެ.

ޕްލޭނިން އިން ބުނިގޮތުގައި ތަން މަރާމާތު ކުރުމަށް ނުވަތަ ބޭނުން ނުކުރުމަށް އަންގާފައިވަނިކޮށް، އިމާރާތް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ތަނުގެ ވެރި ފަރާތުން ނަގަން ޖެހޭނެ އެވެ. އަދި އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައި އަޅައި، އެކަން ރަނގަޅު ކުރުމަށް އެންގުމުން ވެސް އެކަން ނުކޮށްފިނަމަ ކޯޓު އަމުރެއްގެ ދަށުން، މިނިސްޓްރީން ނުވަތަ ކައުންސިލުން އެތަނަކަށް ވަދެ ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މަސައްކަތަށް ހޭދަވި މިންވަރު، ކަނޑައަޅާފައިވާ ގޮތަކަށް، ކަނޑައަޅާފައިވާ މުއްދަތެއްގައި ވެރި ފަރާތުން ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.