ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓި، ސައިކަލަކަށް ގެއްލުން ވެއްޖެ

މީގެ 24 އަހަރު ކުރިން ފެށިގެން މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ އެއް އިމާރާތް، ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް މިއަދު ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުން ވެއްޖެ އެވެ.


މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައިވާ އެ ބިލްޑިންގްގެ ޝީޓުން ބައެއް މިއަދު މެންދުރު ވެއްޓުނީ އަމީރު އަހުމަދު މަގަށެވެ.

ފުލުހުން ބުނިގޮތުގައި، މެންދުރު އެކެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގެ މައުލޫމާތު ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.

މި ހާދިސާގައި، އެއްވެސް މީހަކަަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވި ވެ އެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމި އެވެ. އޭރު ނިންމީ އެތަނުގައި ޕާކެއް ހެދުމަށެވެ. އެކަމަކު، ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އެކަމެއް އޭރު ނުވީ އެވެ.